އިންޑިއާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ބާދްޝާގެ އާ ލަވަ ”ތަޓީރީ“ އާ ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލަތަކާ ގުޅިގެން، އެ ލަވަ ހިމެނޭ 800 އަށް ވުރެ ގިނަ ވީޑިއޯ އާއި ރީލްސް ސޯޝަލް މީޑިއާގެ އެކި މަންސަތަކުން އުނިކޮށްފިއެވެ.
މި ލަވައިގައި އަންހެނުންނާއި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ބޭއަދަބީ ބަސްމަގާއި މަންޒަރުތައް ހިމެނޭ ކަމަށް ބުނެ ހަރިޔާނާ ފުލުހުން ވަނީ ބާދްޝާއާ ދެކޮޅަށް މައްސަލައެއް ރަޖިސްޓްރީކޮށްފައެވެ. މި މައްސަލައިގެ ތަހުގީގަށް ފަހު، މިހާތަނަށް ޔޫޓިއުބުން 154 ވީޑިއޯއެއް އަދި އިންސްޓަގްރާމުން 703 ރީލްސް ވަނީ ނަގާފައެވެ.
ހަރިޔާނާ ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، މި ލަވައިގެ އެކި ވާޝަންތަކާއި، ކުރު ވީޑިއޯތައް ފަދަ ހުރިހާ އެއްޗެއް މަންސަތަކުން އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ. މިއީ އަންހެނުންނާއި ކުޑަކުދިންނަށް ނިސްބަތްކޮށް ބޭނުންކޮށްފައިވާ ބޭއަދަބީ ބަސްމަގު ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ޑީ.ޖީ.ޕީ އަޖޭ ސިންގާލް ވިދާޅުވީ، އަންހެނުންނާއި ކުޑަކުދިންގެ ގަދަރާއި އިއްޒަތަށް އުނިކަން އަންނަ ފަދަ އެއްވެސް އެއްޗެއް ސޯޝަލް މީޑިއާގައި ފަތުރާނަމަ އެ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. މީގެ އިތުރުން، ޕަންޗްކޫލާގެ ކޮމިޝަނަ ސިބާޝް ކަބީރާޖް ވަނީ މަނާކޮށްފައިވާ މި ލަވަ ބޭނުންކޮށްގެން ރީލްސް ނުވަތަ އެނޫންވެސް ވީޑިއޯއެއް ހަދާ ނުވަތަ ހިއްސާކުރާ ކޮންމެ މީހަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
މި ލަވައާ ގުޅޭ މައްސަލަ އެންމެ ފުރަތަމަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހު އާއްމުންގެ ބަޔަކު ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލައިގައި ބާދްޝާ ފުލުހަށް ހާޒިރުކުރުމުން އޭނާ ވަނީ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދީފައެވެ. އަދި އާއްމުންގެ މެދުގައި އުފެދުނު ނުރުހުމާއި ފާޑުކިޔުންތަކާ ގުޅިގެން ބާދްޝާ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ވީޑިއޯއެއް އާއްމުކޮށް މާފަށް ވެސް އެދިފައެވެ.
މި ލަވައިގެ މައްސަލައިގައި ބާދްޝާ ހައްޔަރުކުރުމަށް ސްޓޭޓް ވިމެންސް ކޮމިޝަނުން ގޮވާލާފައިވީ ނަމަވެސް، ފަހުން ދައުލަތުގެ ވަކީލުން ވަނީ އެ އަމުރާ ގުޅިގެން އިތުރު ފިޔަވަޅެއް ނާޅާނެކަމުގެ ޔަގީންކަން ދީފައެވެ. އޭގެ ފަހުން ބާދްޝާގެ ވަކީލުން ވަނީ މި މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަން ހާމަކޮށްފައެވެ.





