މެޗުގެ ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު ސްރީލަންކާ މުބާރާތުން ކަޓުވާލުމަށްފަހު، ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ބޫޓާން ދަތުރުކޮށްފިއެވެ.
މުބާރާތުގެ ގްރޫޕް އޭގެ ފަހު މެޗުގައި ބޫޓާން މި ކާމިޔާބީ ހޯދީ ސްރީލަންކާއާ ވާދަކޮށް 1-0 ގެ ނަތީޖާއަކުންނެވެ.
މި ނަތީޖާއާއެކު ބޫޓާން ސެމީ ފައިނަލްގެ ޖާގައެއް ޔަގީންކުރީ ގްރޫޕްގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، އެއް މެޗުން ބަލިވެ، އަދި އެއް މެޗު އެއްވަރުކޮށްގެން ލިބުނު ޖުމްލަ ހަތަރު ޕޮއިންޓާއެކު ގްރޫޕް އޭގެ ދެވަނަ މަގާމު ހޯދައިގެންނެވެ. މި ގްރޫޕުގެ އެއްވަނަ މަގާމު ހޯދާފައިވަނީ ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުން ހޯދި ޕޮއިންޓާއެކު، ޖުމްލަ ހަތް ޕޮއިންޓް ހޯދި ނޭޕާލެވެ. އެއީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށްގެންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ދެވަނަ ހާފުގައި ސްރީލަންކާއިން ބޮޑަށް ބަލަމުންދިޔައީ ޑިފެންސަށް ސަމާލުކަންދީގެން ކުޅެ، ލިބޭ ފުރުސަތުތަކުގައި ކައުންޓަރ އެޓޭކް ކުރުމަށެވެ. މެޗު އެއްވަރުކޮށްލައިގެން ވެސް ސެމީ ފައިނަލުގެ ޖާގައެއް ޔަގީންކުރެވެން އޮތް ލަންކާއަށް ނަސީބު ގެއްލުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ދެވަނަ މިނެޓުގައެވެ.
ބޫޓާނަށް މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ދެންޑުޕް ގިޔެލްޝެންއެވެ. އޭނާ މި ލަނޑު ޖެހީ ޓެންޑިން ނަގައިދިން ހުރަހަކުން ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. މި ލަނޑާއެކު ލަންކާގެ އުންމީދުތައް ފެނަށްވެ، ބޫޓާނަށް ވަނީ އުފާވެރިކަން ލިބިފައެވެ.
މި ނަތީޖާތަކާއެކު ގްރޫޕް ބީން ސެމީ ފައިނަލަށް ދަތުރުކުރީ އެއްވަނަ ހޯދި ނޭޕާލާއި ދެވަނަ ހޯދި ބޫޓާނެވެ. މުބާރާތް ބާއްވާ ގައުމު ކަމަށްވާ ސްރީލަންކާގެ އިތުރުން ދިވެހިރާއްޖެ ވެސް ވަނީ މުބާރާތުން ކަޓާފައެވެ. ގްރޫޕް އޭ އިން ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ ބަންގްލަދޭޝް އާއި އިންޑިއާއެވެ.





