ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށްގެން، އެކި ކުޅިވަރުތަކަށް ހާއްސަ ދަނޑުތަކާއެކު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތަރައްގީކުރި ކުޅިވަރު އެކުވެނި ރޭ ރަސްމީކޮށް ހުޅުވައިފިއެވެ.
މިކަމަށްޓަކައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި އެކުވެނި ހުޅުއްވައިދެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔާރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އެވެ. މި ރަސްމިއްޔާތުގައި ހުޅުމާލޭގައި ހަރަކާތްތެރިވާ އެކި ސްޕޯޓްސް އެކަޑަމީތަކުން ބައިވެރިވެ، އެކުވެނީގެ ވަސީލަތްތައް ބޭނުންކޮށްފައިވެއެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި، އަލަށް ހުޅުވި މި ކުޅިވަރު އެކުވެނީގެ ސަބަބުން ކުޅިވަރު ކުޅޭ ފަރާތްތަކަށް ކޯޓުތަކާއި ދަނޑުތައް ހޯދުމުގައި ކުރިމަތިވަމުންދިޔަ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. މި އެކުވެނީގައި ހިމެނޭ ވަސީލަތްތަކުގެ ތެރޭގައި ބަށި ކޯޓަކާއި، ވޮލީ ކޯޓެއްގެ އިތުރުން ބާސްކެޓް، ހޭންޑްބޯލް އަދި ނެޓްބޯލް ކުޅުމަށް ހާއްސަ ކޯޓުތައް ހިމެނެއެވެ.
މި އެކުވެނި މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. އެޗްޑީސީން ބުނީ މިއީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށާއި، ދުޅަހެޔޮ ސިއްހަތެއްގައި ރައްޔިތުން ބޭތިއްބުމަށް ބާރުއެޅުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
ދެވަނަ ފިޔަވަހީގައި ގިނަ އަދަދެއްގެ ބަޔަކު އާބާދުވަމުންދާއިރު، މިފަދަ ކުޅިވަރު ވަސީލަތްތަކަކީ އެ ސަރަހައްދުގެ ޒުވާނުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކުން ވަރަށް ބޮޑަށް އުންމީދު ކުރަމުންދިޔަ ވަސީލަތްތަކެކެވެ.





