ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް މަޝްވަރާކުރުމުގެ ދަޅަ ދައްކައިގެން، އެމެރިކާއިން ސިއްރިއްޔާތުގައި އީރާނަށް އެއްގަމު މަގުން އަރައި ހަމަލާދިނުމަށް ރާވަމުންދާ ކަމަށް އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް މިއަދު ވިދާޅުވެއްޖެއެވެ.
އީރާނުގެ ރަސްމީ ނިއުސް އެޖެންސީ ”އިރްނާ“ މެދުވެރިކޮށް ނެރުއްވި ބަޔާނެއްގައި ގާލީބާފް ވިދާޅުވީ، ދުޝްމަނުން ފާޅުގައި މަޝްވަރާ އާއި ވާހަކަދެއްކުމުގެ މެސެޖުތައް ފޮނުވަމުންދާއިރު، އެމީހުންގެ އަސްލު ރޭވުމަކީ ސިއްރިއްޔާތުގައި އެއްގަމު މަގުން ހަމަލާއެއް ދިނުން ކަމަށެވެ.
”އަހަރެމެންގެ ސިފައިން ތިބީ އެމެރިކާގެ ސިފައިން އެއްގަމު މަގުން އަރާނެ ވަގުތަކަށް އިންތިޒާރުކޮށްގެން. އެ މީހުން އަންދާލައި، ސަރަހައްދީ ބައިވެރިންނަށް ދާއިމީކޮށް އަދަބު ދިނުމަށް އަހަރެމެން މި ތިބީ ތައްޔާރަށް،“ އީރާނުގެ އަސްކަރީ ގާބިލިއްޔަތަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވިއެވެ.
ގާލީބާފް މިފަދަ ހަރުކަށި ބަޔާނެއް ނެރުއްވާފައި މިވަނީ، މިދިޔަ ފެބްރުއަރީ 28 ވަނަ ދުވަހު އިޒްރޭލާއި އެމެރިކާއިން އީރާނަށް ވައިގެ މަގުން ދިން ހަމަލާއެއްގައި، އެ ގައުމުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން މުޅި މެދުއިރުމަތީގައި ސަރަހައްދީ ހަނގުރާމައެއް ފެށިފައިވާތާ މަސްދުވަސް ވެފައިވަނިކޮށެވެ.
މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށްވެސް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. އެގޮތުން ދުނިޔޭގައި އުފައްދާ ސާފުނުކުރާ ތެލާއި ގޭހުގެ 20 އިންސައްތަ އުފުލާ މުހިންމު މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރުތައް ވަނީ މިހާރު ގާތްގަނޑަކަށް ހުއްޓިފައެވެ.
ގައުމީ އެއްބައިވަންތަކަމަށް ގޮވާލައްވަމުން ގާލީބާފް ވިދާޅުވީ، އީރާން މިހާރު އޮތީ ”މުޅި ދުނިޔެ ޝާމިލުވާ“ ފަދަ ނުރައްކާތެރި ހަނގުރާމައެއްގެ ތެރޭގައި ކަމަށާއި، މިއީ ގައުމުގެ ތާރީޚުގައިވެސް ކުރިމަތިވި އެންމެ ނާޒުކު މަރުހަލާ ކަމަށެވެ.
ބަޔާން ނިންމަވާލައްވަމުން އޭނާ ވިދާޅުވީ، އެމެރިކާއަށް ދޭންޖެހޭ އަދަބު ދިނުމުގެ ގާބިލިއްޔަތު އީރާނަށް ލިބިގެންވާ ކަމަށާއި، އީރާނަށް ހަމަލާދެވުނީތީ އެމެރިކާއިން ހިތާމަކުރާނެ ވަރު ކުރައްވާނެ ކަމަށެވެ. އަދި އީރާނުގެ ހައްގުތައް ސާބިތުކަމާއެކު ދިފާއުކުރާނެ ކަމުގެ ޔަގީންކަންވެސް އޭނާ ދެއްވިއެވެ.





