އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) އާއި ޤަތަރުގެ ވައިގެ ދިފާޢީ ނިޒާމު ވަރުގަދަކުރުމަށް ޔޫކްރެއިނާއެކު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ޔޫކްރެއިނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ މިހާރު މެދުއިރުމަތީގެ ޤައުމުތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ޒެލެންސްކީގެ މި ދަތުރުފުޅުގައި ޔޫއޭއީ އާއި ޤަތަރުގެ އިތުރުން ސަޢުދީ ޢަރަބިއްޔާއާއެކު ވެސް ވަނީ އަސްކަރީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. މި އެއްބަސްވުންތަކުގެ މައިގަނޑު މަޤްޞަދަކީ މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގައި އީރާނުން ގަލްފުގެ ޤައުމުތަކަށް އަމާޒުކޮށް ފޮނުވާ ޑްރޯން ޙަމަލާތަކުން ދިފާޢުވުމަށް އެހީތެރިވުމެވެ.
ޔޫކްރެއިނުން މި އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭނީ ރަޝިޔާއިން އެ ޤައުމާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި، ރަޝިޔާގެ ޑްރޯންތަކުން ދިފާޢުވުމަށް ހޯދާފައިވާ ފަންނީ ޤާބިލުކަމާއި އަސްކަރީ ވަޞީލަތްތަކެވެ. މީގެ އިތުރުން، މި ތިން ޤައުމުގެ ދިފާޢީ ނިޒާމު ވަރުގަދަކުރުމަށް އެހީތެރިވުމުގެ ގޮތުން ޔޫކްރެއިނުގެ ފަންނީ މާހިރުން އެ ޤައުމުތަކަށް ފޮނުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، އީރާނުގެ ޑްރޯން ޙަމަލާތަކުން ދިފާޢުވުމަށް ޔޫކްރެއިނުން ހުށަހަޅާފައިވަނީ މާލީ ގޮތުން ބަލާއިރު ވަރަށް އަގުހެޔޮ ޙައްލެކެވެ. މިހާރު ގަލްފު ޤައުމުތަކުން ބޭނުންކުރާ ޕޭޓްރިއަޓް ނުވަތަ ތާޑް މިސައިލެއްގެ އަގު ގާތްގަނޑަކަށް ހަތަރު މިލިއަން ޑޮލަރަށް އަރާއިރު، ޔޫކްރެއިނުގެ މި އައު އީޖާދުގެ ސަބަބުން އެ ޚަރަދު 2،000 ޑޮލަރަށް ތިރިވާނެ ކަމަށް ބެލެވެއެވެ. މިއީ 2022 ވަނަ އަހަރުން ފެށިގެން ރަޝިޔާއިން ދެމުންދާ ޙަމަލާތަކުން ދިފާޢުވުމަށް ޔޫކްރެއިނުން އަމިއްލައަށް އުފައްދާފައިވާ ފަންނިއްޔާތެކެވެ.
މި މަހުގެ 18 ވަނަ ދުވަހު ރައީސް ޒެލެންސްކީ ވިދާޅުވި ގޮތުގައި، މެދުއިރުމަތީގެ ހަނގުރާމަ ފެށުނު ފަހުން ޔޫކްރެއިނުގެ 200 އަށް ވުރެ ގިނަ ފަންނީ މާހިރުން މިހާރުވެސް ދަނީ ގަލްފުގެ ޤައުމުތަކުގައި ޙަރަކާތްތެރިވަމުންނެވެ. ޔޫކްރެއިނުން މިފަދަ އެހީތެރިކަމެއް ފޯރުކޮށްދޭ އަނެއް ސަބަބަކީ، ގަލްފު ޤައުމުތަކުން ބޭނުންކުރާ ޕޭޓްރިއަޓް މިސައިލްތަކުގެ ސްޓޮކް މަދުވުމުގެ ކަންބޮޑުވުމަށް ޙައްލެއް ހޯދައިދިނުމެވެ.
އެއީ ރަޝިޔާގެ ބެލިސްޓިކް މިސައިލްތަކުން ދިފާޢުވުމަށްޓަކައި ޔޫކްރެއިނަށް މިވަގުތު ޕޭޓްރިއަޓް މިސައިލްތައް ނުހަނު ބޮޑަށް ބޭނުންވެފައިވާތީ ކަމަށްވެސް ތަޖުރިބާކާރުން ވިދާޅުވެއެވެ.





