ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާއި ކުޑަކުދިންނަށް ހާއްސަކޮށްގެން ތަރައްޤީކުރާ ސްޕޯޓްސް ޕާކުގެ ބިންގާ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަޅައިފިއެވެ.
ހުޅުމާލޭގެ ކޮންޓެއިނާ ޕާކު ކުރިމަތީގައި އޮންނަ ހުސް ބިމުގައި ބޭއްވި މި ރަސްމިއްޔާތުގައި، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔާރޑް) ޢަލީ ޒުހައިރާއި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ މެދު ދާއިރާގެ މެންބަރު އަބްދުﷲ ޝަޒީމްގެ އިތުރުން ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ސްޕޯޓްސް ޕާކަކީ އެ ސަރަހައްދުގައި ކުޑަކުދިން ކުޅޭނެ ތަނެއް ނެތުމުގެ ސަބަބުން، އާންމު ރައްޔިތަކު އެޗްޑީސީއަށް ހުށަހަޅަމުންދިޔަ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް ފެށި މަޝްރޫއެކެވެ. މިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން، އެޗްޑީސީން ވަނީ އެ ހުށަހެޅުން ހުށަހެޅި އާންމު ފަރާތްވެސް ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިކޮށްފައެވެ.
އެޗްޑީސީން މަޢުލޫމާތު ދޭ ގޮތުގައި، މި ޕާކުގައި ޓާފް އަޅާފައިވާ ފުޓްސަލް ދަނޑަކާއި، ”3 އޮން 3“ ބާސްކެޓް ކުޅެވޭނެ ކޯޓެއްގެ އިތުރުން، މިހާރުވެސް އެ ސަރަހައްދުގައި ބޭނުންކުރަމުންދާ ވޮލީ ކޯޓު ހިމެނޭނެއެވެ. މިތަނަކީ ކުޑަކުދިންނަށްވެސް ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ.
މި މަޝްރޫއުގެ މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމައި އާންމުންނަށް ހުޅުވާލުމަށް އެޗްޑީސީން އަމާޒު ހިފާފައިވެއެވެ. އެ ކުންފުނިން އިތުރަށް ބުނީ، ހުޅުމާލޭގައި ހުރި ކުޅިވަރަށް ހާއްސަ ބިންތައް ތަރައްޤީކޮށް، ރައްޔިތުންނަށް ދުޅަހެޔޮ މާހައުލެއް ގާއިމުކޮށްދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ.





