ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް ސުޕަ މެޖޯރިޓީ ދޫކޮށްލަން ބޭނުންފުޅުވަނީ އަމިއްލަ ފައިދާއަށްވުރެ ބޮޑަށް ގައުމު އިސްކުރެއްވުމުގެ މަތިވެރި މަގުސަދުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހަރުގޭގައި ރޭ ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ދެ ތާރީހެއްގައި ބޭއްވުމުގެ ސަބަބުން ގައުމަށް ފައިދާވުމުގެ ބަދަލުގައި ލިބެމުންދަނީ ބޮޑެތި ގެއްލުންތަކެއް ކަމަށާއި، އެކަން ރައްޔިތުން މިއަދު ގަބޫލުކުރާ ކަމަށެވެ. މަޖިލީހުގައި އޮތް ޕީއެންސީގެ ސުޕަ މެޖޯރިޓީގެ ދައުރު ކުރުވާ ގޮތަށް ސަރުކާރުން އިސްލާހުތައް ހުށަހަޅަމުންދާތީ، ޕާޓީގެ ބައެއް އާންމު މެންބަރުން އެކަމާ ސުވާލު އުފައްދަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
”އެހެން ސުވާލު އުފެދޭނެ ނުންތޯ، މިއަދާ ހަމައަށް އައިއިރު ސަރުކާރުތަކުން، ޕާޓީތަކުން މަސައްކަތްކޮށްފައި އޮތީ އެ މީހުންގެ އަމިއްލަ ވިސްނުމުގައޭ. އަމިއްލަ ފައިދާ އިސްކޮށްފަ އޮތީ. ގައުމެއް ނޫނޭ އިސްކޮށްފަ އޮތީ،“ ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރާއި ޕީއެންސީން މިހާތަނަށް ދައްކުވައިދީފައިވަނީ ގައުމު އިސްކުރުމުގެ ނަމޫނާ ކަމަށެވެ. ”އެހެންވީމަ ހަ މަސް ދުވަހުގެ އެ ސުޕަމެޖޯރިޓީ އަޅުގަނޑުމެން މި ދޫކޮށްލަން ބޭނުންވަނީ. ދޫކޮށްލާފަ އަޅުގަނޑުމެން ބޭނުންވަނީ ގައުމު އިސްކުރަންށޭ،“ ރައީސް ވިދާޅުވިއެވެ.
ގައުމުގެ މުސްތަގުބަލު އުޖާލާކުރުމަށާއި، ޑިމޮކްރެސީ ހަރުދަނާކޮށް ކޮރަޕްޝަން ނައްތާލުމަށްޓަކައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައީސް ވަނީ ބާރުއަޅުއްވާފައެވެ. އަދި މި ބަދަލަށް ރައްޔިތުން ތާއީދުކޮށް ވޯޓު ދެއްވުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ކައުންސިލް އިންތިހާބު ދޫކޮށްލުމަށްފަހު، ”ފެންނަ ނުފެންނަ“ ވޯޓަށް ފޯކަސް ކޮށްގެން މަސައްކަތް ކުރަނީ ރާއްޖެއަށް އަންނަން އުޅޭ މި ހެޔޮ ބަދަލުތައް ހުއްޓުވުމަށް ކަމަށެވެ.
ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ މި ބަދަލުތައް ރައްޔިތުން ތަސްދީގު ކޮށްފިނަމަ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވޭނެއެވެ. މި ބަދަލާއެކު ރައީސުލްޖުމްހޫރިއްޔާގެ ދައުރު ނޮވެމްބަރު 17 ގައި ފެށުނު ނަމަވެސް، އާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ފެށޭނީ ޑިސެމްބަރު 1 ގައެވެ.





