އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން، އަބްދުالله މާހިލް ޝަހީމް ޔޫތު އެޑްވައިޒަރީ ބޯޑުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ. މާހިލް މި މަގާމުން އިސްތިއުފާ ދެއްވިއިރު، ރާއްޖެއަށް އެތެރެކޮށް، ބޭނުންކުރުން މި ސަރުކާރުން މަނާކޮށްފައިވާ ވޭޕް ސާމާނުތަކެއް އޭނާ މެލޭޝިއާއިން ރާއްޖެއައިރު ގެނައި ލަގެޖުން ފެނި، ޖޫރިމަނާކުރި މައްސަލައެއް ފެންމަތިވެފައިވެއެވެ.
މާހިލް މި ބޯޑަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް މިއަދު އޭނާ ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ، ތައުލީމު ހާސިލުކުރައްވައި ނިންމެވުމަށް ފަހު ގައުމަށް ޚިދުމަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް، އިސްތިއުފާއާ ގުޅޭ އިތުރު ތަފުސީލެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
މާހިލް އިސްތިއުފާ ދެއްވާފައި މިވަނީ، މިދިޔަ ބުރާސްފަތި ދުވަހު އޭނާ މެލޭޝިއާއިން ރާއްޖެއައިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގި ބަގޭޖް ޗެކިން އޮޕަރޭޝަނެއްގައި، އޭނާގެ ލަގެޖުން މިސަރުކާރުން އެތެރެކުރުން މަނާކޮށްފައިވާ ވޭޕް ސާމާނުތަކެއް ފެނި، ޖޫރިމަނާކުރެވިފައިވަނިކޮށެވެ.
މީގެ ކުރިން ވެސް ޒުވާނުންގެ ކަންކަމުގައި ރައީސަށް ލަފާ އަރުވާ މި ބޯޑުގެ އިސްވެރިއެއް މިފަދަ ސުވާލު އުފެދޭ މައްސަލައަކާ ގުޅިގެން މަގާމުން ވަކިވެފައިވެއެވެ. ޔޫތު އެޑްވައިޒަރީ ބޯޑުގެ ރައީސްގެ މަގާމުގައި ހުންނެވި ދާއޫދު އަހުމަދު ވަނީ ޒުވާނުންތަކެއް މާލޭގައި މަސްތުވާތަކެއްޗާ އެކު ޕާޓީކުރި މައްސަލައިގައި ހިމެނޭ ކަމަށް ތުހުމަތުކުރެވިފައި ވަނިކޮށް އިސްތިއުފާ ދެއްވައިފައެވެ.
ރައީސް އޮފީހުގެ އަންޑަ ސެކެޓްރީގެ މަގާމުގައި ހުންނެވި ދާއޫދުގެ މައްޗަށް ފަހުން ވަނީ، މާލޭ ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގަށް ދޮގު ބަޔާން ދިން ކަމަށް ތުހުމަތުކޮށްފައެވެ. އެހެންވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ، އޭރު މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި ދާއޫދު މަގާމުން ވަކިކުރައްވައިފައެވެ.





