ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިގުތިސާދީ ގޮތުން ލުއިތަކެއް ހޯދައިދިނުމަށް ސަރުކާރުން ފެއްޓެވި މަސައްކަތުގެ ދަށުން، އެފަދަ ވިޔަފާރިތަކުން ބިދޭސީން ގެންނައިރު ދައްކަންޖެހޭ ކޯޓާ ފީ އުނިކުރުމަށް ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ”ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް“ ގެނައި އިސްލާހާއެކު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ގެންނަ ބިދޭސީންގެ އަދަދު 20 އަށް ވުރެ މަދު ނަމަ، ދެން ކޯޓާ ފީ ދައްކާކަށް ނުޖެހޭނެއެވެ. މީގެކުރިން އޮންނަ ގޮތުން ނަމަ، ބިދޭސީން ގެންނަ ކޮންމެ ކޯޓާއަކަށް 2،000 ރުފިޔާގެ ފީއެއް 12 މަސްދުވަހުގެ ތެރޭގައި ހޯމްލޭންޑް މިނިސްޓްރީއަށް ދައްކަންޖެހެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެނައި މި ބަދަލާއެކު، އާންމު ވިޔަފާރިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ނަމަވެސް، މި އިސްލާހުގައި ވަނީ ވަކި އުސޫލުތަކެއް ކަނޑައަޅާފައެވެ. އެގޮތުން، ކޯޓާ ފީ އުނިކުރި ކުންފުންޏެއްގެ ހިއްސާދާރަކު ނުވަތަ މަސްއޫލުވެރިޔަކު ހިމެނޭ ގޮތަށް އުފައްދާފައިވާ އެހެން ކުދި ނުވަތަ މެދު ފަންތީގެ ވިޔަފާރިއަކަށް މި އިސްތިސްނާއެއް ނުލިބޭނެއެވެ. މިއީ އެއް މަސްއޫލުވެރިއަކު ގިނަ ކުންފުނިތައް ހަދައިގެން މި ލުއި ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް އެކުލަވައިލި އުސޫލެކެވެ.
މީގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަކުން ބިދޭސީންގެ އަދަދު 20 އަށް ވުރެ އިތުރުކުރާ ނަމަ، 21 ވަނަ ބިދޭސީ މުވައްޒަފުން ފެށިގެން އިތުރުވާ ކޮންމެ ކޯޓާއަކަށް ކަނޑައެޅިފައިވާ ފީ ދައްކަން ޖެހޭނެއެވެ.
ސަރުކާރުގެ މި ނިންމުމަކީ ރާއްޖޭގެ ކުދި ވިޔަފާރިތައް ކުރިއެރުވުމަށާއި، ވިޔަފާރިތައް ހިންގުމުގައި ކުރިމަތިވާ މާލީ ބުރަ ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވިޔަފާރިވެރިން ފާހަގަކުރެއެވެ.





