ށ. އަދި ނ. އަތޮޅަށް ލޯންޗު ފެރީގެ ޚިދުމަތް ދެމުންދާ ހޯޕް ޓްރެވެލްސްއިން ގަސްދުގައި ޓެކުހަށް މަކަރު ހެދިކަމުގެ ތުހުމަތުގައި އެ މައްސަލަ ތަޙުޤީޤުކޮށް ދަޢުވާކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.
މީރާއިން މިއަދު ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، 2020 ޖުލައި 1 އިން 2023 މެއި 31 އާ ހަމައަށް ހިމެނޭ ޓެކްސް ނެގޭ މުއްދަތުތަކަށް އެ ކުންފުނިން ހުށަހަޅާފައިވާ ޖީއެސްޓީ ބަޔާންތަކާއި، 2020 އަދި 2021 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާންތަކުގައި ދޮގު މަޢުލޫމާތު ހިމަނާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މި ތަޙުޤީޤުން އިތުރަށް ހާމަވެފައިވާ ގޮތުގައި، މި މުއްދަތުގައި 29 މިލިއަން ރުފިޔާގެ އާމްދަނީ އިންކަމް ޓެކްސް ބަޔާންތަކުގައި ހިމަނާފައިނުވެއެވެ.
މީރާގެ ތަޙުޤީޤުން ދައްކާ ގޮތުގައި، ހޯޕް ހޯލްޑިންގްސް ޕާޓްނަރޝިޕް މީރާގައި ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވީ ނަމަވެސް، އޭގެ ދަށުން ހިންގާ ”ހޯޕް ޓްރެވެލްސް“ ގެ ހަރަކާތްތައް ގިނަ ދުވަސްތަކެއް ވަންދެން ހިންގާފައިވަނީ މީރާގައި ރަޖިސްޓްރީ ނުކޮށެވެ. ތަޙުޤީޤު ކުރެވުނު މުއްދަތުގައި ވިޔަފާރިން ލިބުނު ޖުމްލަ އާމްދަނީގެ 89 ޕަސެންޓް މީރާއަށް ހުށަހަޅާފައިވާ ޖީއެސްޓީ ބަޔާންތަކުގައި ހިމަނާފައިނުވާކަން ފާހަގަކުރެވިފައިވެއެވެ.
މި މައްސަލައިގައި ދަޢުވާ ކުރުމަށް މީރާއިން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ހޯޕް ހޯލްޑިންގްސްގެ ޕާޓްނަރެއް ކަމަށްވާ ޝަހުދު އިބްރާހީމްމަނިކާއި، މި ވިޔަފާރީގައި އިސްކޮށް ހަރަކާތްތެރިވާ މުޙައްމަދު ޢަލީގެ މައްޗަށެވެ. މި މުއްދަތުގައި ޖުމްލަ 54 މިލިއަން ރުފިޔާގެ އާމްދަނީއާއި 3 މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ޖީއެސްޓީ މީރާއަށް ރިޕޯޓުކޮށްފައިނުވާކަން ވަނީ ހާމަވެފައެވެ. މި މައްސަލައިގައި އިތުރަށް ކުރިއަށްދާނެ ގޮތެއް ކަނޑައަޅާނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންނެވެ.





