ކިތަންމެ އާރާއި ބާރެއްގެ ވެރިއެއްކަމުގައި ވިޔަސް، މަރުން ރެކިގަނެވޭނެ އެކަކުވެސް ނުވާ ކަމަށާއި އެކަމަށް ތައްޔާރުވުމަށް މިއަދުގެ ހުކުރު ހުތުބާގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގޮވާލައިފިއެވެ.
”މަރަށް ތައްޔާރުވުން“ މި މައުޟޫއަށް މިއަދު އިއްވި ހުތުބާގައި ވިދާޅުވީ، މަރަކީ ކޮންމެ އިންސާނަކު ވެސް ކުރިމަތިލާންޖެހޭނޭ ހަގީގަތެއް ކަމަށާއި، އެ ހަގީގަތާ މެދު އެއްވެސް މީހަކު ހިޔާލުތަފާތުނުވާ ކަމަށެވެ. އެހެންކަމުން މަރަށް މާތްﷲ ނަންދެއްވައިފައިވަނީ ”ޔަގީނުގެ“ ނަމުން ކަމަށް ހުތުބާގައި ފާހަގަކުރިއެވެ.
ހުތުބާގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، މަރަކީ ދިރިއުޅުމުގެ ހަޔާތުގައި ކުރިމަތިލާން ޖެހޭ އެންމެ ބޮޑު ހަގީގަތެވެ. މި ހަޔާތުގައި އަހަރެމެން ބޭނުންވީމައި ލޯމަރާލައިފައި ބޭނުންވީމައި ލޯހުޅުވައިލުމަކީ ވަރަށް ފަސޭހަ ކަމެއް ނަމަވެސް، ދުނިޔޭގައި އެއްކުރި މުދަލާއި، ލޯބިވާ އަނބިދަރީންނާއި، ގެދޮރާއި، ބިނާކޮށްފައިވާ ވިޔަފާރިތައް ދޫކޮށް ދާންޖެހޭ ވަގުތަކީ އާދައިގެ ވަގުތެއް ނޫނެވެ.
”އެއީ ތިބާ ދެކެ ލޯބިވާ ދަރީން ތިބާއަށް މާޔޫސްކަމާ އެކު ބަލަމުންދާ ވަގުތު. ލޯބިވާ އަނބިމީހާ ނުވަތަ ފިރިމީހާ ހިތާމަކުރަމުންދާ ވަގުތު. މައިންބަފައިންގެ ލޯތައް ތެމި ކަރުނަ އަޅަމުންދާ ވަގުތު،“ ހުތުބާގައި ވިދާޅުވިއެވެ.
ހަމައެއާއެކު، ސިއްހީ ހުރިހާ ވަސީލަތްތައް މެދުވެރިކޮށް ފުރާނަ ސަލާމަތްކުރުމަށް މަސައްކަތް ކުރަމުންދާ ވަގުތު، ނޭވާ ކުރުވެ، އަބަދުގެ އަބަދަށް މި ދުނިޔެ ދޫކޮށް ދާން ޖެހުމަކީ ކޮންމެ އިންސާނަކާ ބައްދަލުކުރާނޭ އެންމެ ވޭނާއި ތުރާ ލިބޭނޭ ވަގުތު ކަމަށް ހުތުބާގައި ފާހަގަކުރިއެވެ.
ދުނިޔޭގެ ބާރުވެރިކަމާ ގުޅޭގޮތުން ހުތުބާގައި ވިދާޅުވީ، މަރުން ރެކިގަނެވޭނޭ ހަމަ އެކަކު ވެސް ނުވާނެ ކަމަށެވެ. ”ދުނިޔޭގެ ރަސްރަސްކަލުންގެ ގަނޑުވަރުތަކުގައި އެތައް ބަޔަކު ފާރަވެރިވެ، އެ މީހުން ހިމާޔަތްކުރުމަށް ތިބޭ. އެ މީހަކަށް އެ މީހުންނާ ބައްދަލުކުރެވެނީ ހުއްދަހޯދައިގެން. އެކަމަކު މަލަކުން މައުތު އެ ގަނޑުވަރަށް ވަދެވަޑައިގަންނަވާނީ އެއްވެސް ހުއްދައެއް ނެތި،“ ހުތުބާގައި ބަޔާންކުރިއެވެ.
މިއަދުގެ ހުތުބާ ނިންމާލަމުން ވަނީ މަރުވާނެކަމާއި، މަރާ ކުރިމަތިލާން ޖެހޭނޭކަން ދަނެ، އެ ކަމަށް ފުރިހަމައަށް ތައްޔާރުވުމަށް ގޮވާލާފައެވެ. އެގޮތުން ހެޔޮ އަމަލުތައް ގިނަކޮށް، ނުބައި ކަންކަމުން ދުރުވެ، ގިނަގިނައިން މަރު ހަނދާންކުރުމަށް ހުރިހާ މުސްލިމުންނަށް ހުތުބާގައި ނަސޭހަތްތެރިވިއެވެ.





