މިއަދު ބާއްވާ އިންތިހާބުތަކަކީ އިހުތިޔާރީ ކަމަކަށް ނުހަދައި، އެއީ ކޮންމެހެން ކުރަންޖެހޭ މަޖުބޫރު ކަމެއްގެ ގޮތުގައި ދެކިގެން ވޯޓުލާން ނުކުތުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާންމު ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފިއެވެ.
މިއަދު ކުރިއަށްދަނީ ތިން އިންތިހާބަކަށް ވޯޓުލުމެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓެވެ.
ވޯޓު ލެއްވުމަށްފަހު މީޑިއާތަކާ ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިއީ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ، ބަސް ބުނެފައިވާ ވޯޓެއްކަން ކަށަވަރުކުރުމަކީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މައްޗަށް އޮތް ބޮޑު ޒިންމާއެއް ކަމަށެވެ. ނަމަވެސް، އެ ކޮމިޝަނުން ކަންކަން އިންތިޒާމުކޮށްފައި ވަނީ ވަރަށް ޣައިރު ޒިންމާދާރުކޮށް ކަމަށް ވިދާޅުވެ ޔާމީން ވަނީ ފާޑުވިދާޅުވެފައެވެ.
އިންތިހާބުގެ އިންތިޒާމުތަކާ ގުޅޭގޮތުން ޔާމީން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ވޯޓުލާންދާ މީހުންނަށް އޭނާ ވޯޓުލާން ބޭނުންނުވާ ކަރުދާހެއް އަތަށް ނުނަގައި ދޫކޮށްލުމުގެ ފުރުސަތު ދޭން ނިންމުމާއި، ރާއްޖޭން ބޭރުގައި ތިބި އެތައް ހާސް ދިވެހިންނަށް ވޯޓުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވުން ހިމެނެއެވެ. އަދި ބޭރު ގައުމުތަކުގައި އެއްވެސް ވޯޓު ފޮއްޓެއް ބަހައްޓާފައި ނުވުމާއި، ރާއްޖޭގައި ތިބި ރައްޔިތުންނަށްވެސް އެކަށީގެންވާ މައުލޫމާތު ފޯރުކޮށްދީ ވޯޓުލާން ބާރުއެޅުމަށް އީސީން މަސައްކަތް ކޮށްފައި ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”ރީރަޖިސްޓްރީވާން މީހުންގެ އިންޓްރެސްޓެއް، ޝައުގެއް ފެންނަން ނެތީމައި ތިމަންނަމެންގެ [އީސީގެ] ވެސް އިންޓްރެސްޓެއް ނެތޭ،“ ޔާމީން ވިދާޅުވި އެވެ. ”އެހެނެއް ނޫން އެ ކަން އޮންނަން ވާނީ. އީސީގެ އިންޓްރެސްޓް އޮންނަން ވާނެ ގައުމީ މިހާ ބޮޑެތި ކަންކަމުގައި މީހެއްގެ އިންޓްރެސްޓް ނެތަސް.“
މިއަދު ހެނދުނު 8:00 ގައި ވޯޓުލާން ފެށިއިރު، ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 4:00 އާ ހަމައަށެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މިއަދުގެ އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު 294,937 މީހަކަށް ލިބިގެންވެ އެވެ.
ރައީސް ޔާމީން މިފަދައިން އިލްތިމާސް ކުރައްވާފައިވަނީ އިންތިހާބުތަކުގައި ރައްޔިތުންގެ ބައިވެރިވުން ކުޑަވެދާނެ ކަމުގެ ކަންބޮޑުވުން އޮތް ދަނޑިވަޅެއްގައެވެ. މި އިންތިހާބަކީ ރާއްޖޭގެ އިދާރީ ދާއިރާތަކާއި، އަންހެނުންގެ ކުރިއެރުމުގެ އިތުރުން މުސްތަގުބަލުގައި އިންތިހާބުތައް ބާއްވާނެ ގޮތް ކަނޑައެޅުމަށް މުހިންމު ވޯޓެކެވެ.



