ގައުމީ ބޮޑު ދެ އިންތިހާބު ކަމަށްވާ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ޕީޕަލް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި މައުޟޫއަށް އެމަނިކުފާނު ވާހަކަފުޅު ދައްކަވާފައި މިވަނީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ހިމެނޭ ބިލެއް ސަރުކާރުގެ ފަރާތުން މިއަދު މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ.
ރައީސް ޔާމީން ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހަކީ މުޅިން ވަކިކުރެވިފައިވާ، އަދި މުޅިން ތަފާތު ދެ މަސައްކަތެއް ކުރާ ދެ ބާރު ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މައިގަނޑު މަސައްކަތަކީ ސަރުކާރު ހިންގުން ކަމަށްވާއިރު، މަޖިލީހުގެ މައިގަނޑު މަސައްކަތަކީ ގާނޫނުތައް ހެދުމާއި ސަރުކާރު ޖަވާބުދާރީކުރުވުން ކަމަށްވާތީ، މި ދެ އިންތިހާބު އެކުގައި ބާއްވަންޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
”އެހެންވީމާ ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު އެއްކޮށްލުމުގައި އަޅުގަނޑަށް ބޮޑެތި ގޯސްތައް ފެނޭ،“ ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މިހާރު ގާނޫނުއަސާސީ އޮތްގޮތުން މަޖިލިސް އިންތިހާބު އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އިންތިހާބުވާތާ ގާތްގަނޑަކަށް ހައެއްކަ މަސް ފަހުންނެވެ. މިއީ ސަރުކާރު ހިންގާ ގޮތް ވަޒަންކުރުމަށްފަހު، މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ދިނުމާ މެދު ރައްޔިތުންނަށް ގޮތް ނިންމަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ޔާމީން ވިދާޅުވި އެވެ.
ނަމަވެސް ދެ އިންތިހާބު އެއްކޮށްލުމުން، ސަރުކާރުގެ މަސައްކަތްތައް ވަޒަންކުރުމަށްފަހު މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރައްޔިތުންނަށް ލިބޭ ފުރުސަތު މުޅިން ގެއްލިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވާނެ މަޖިލީހެއް އިންތިހާބު ކުރުމުގެ ބާރު ރައްޔިތުންގެ އަތުން ބީވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ދެ އިންތިހާބު އެއްކޮށްލުމަކީ ހަރަދު ކުޑަކުރުމަށް ކުރާ ކަމެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް، ރައީސް ޔާމީން ވިދާޅުވީ އެ ބަދަލުގެ ސަބަބުން ރައްޔިތުންގެ ހައްގުތަކާއި ގައުމީ ބޮޑު މަސްލަހަތެއް ގެއްލިގެންދާ ކަމަށެވެ. ”އަޅުގަނޑަކަށް ނުވިސްނޭ މި ބަދަލު ގެންނަންޖެހޭ ހިކުމަތެއް،“ އެމަނިކުފާނު ވިދާޅުވި އެވެ.



