ފ. ނިލަންދޫގައި ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ ގުޅުންހުރި ބަޔަކު ހައްޔަރުކޮށްފި އެވެ.
މި އޮޕަރޭޝަންތަކުގެ ތެރެއިން ފުރަތަމަ އޮޕަރޭޝަނަކި ނިލަންދޫ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
ފުލުހުން ބުނީ މި މަހު 16 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނުނު ކަމަށެވެ. މި މައްސަލައާ ގުޅިގެން އެ ވަގުތު އެގޭގައި ތިބި ނުވަ މީހަކު ހައްޔަރުކޮށްފައިވެ އެވެ.
ހައްޔަރުކުރި މީހުން
- މުޙައްމަދު ވިސާލު (19އ) – އއ. ރަސްދޫ / ދޫގަސް
- މުޝްހަފް މުފީދު (22އ) – ލ. ގަން، ތުނޑި. ހެދޭކުރި
- އިބްރާހީމް ލޫޠް (20އ) – ނ. ލަންދޫ / ފިނިވާގެ
- ޢަލީ ނަވާފު (21އ) – ތ. ގުރައިދޫ / ފަޒާ
- އަޙްމަދު އަބާން ޢަލީ (20އ) – ސ. ހިތަދޫ / ގާފިލާ
- ޢަބްދުﷲ ލައިޝަމް (20އ) – ހދ. ނޮޅިވަރަންފަރު / އަންނާރުގެ
- އަޙްމަދު ޢުޘްމާން (20އ) ސ. މީދޫ /ޝީން
- އިބްރާހީމް ނައްފާޒް (26އ) – މާލެ / ދަފްތަރު ނަންބަރު ދރ 1438
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެކަކު ވަނީ ދޫކޮށްލާފަ އެވެ. އަދި މުހައްމަދު ވިސާލު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު ދެން ތިބި ހަތް މީހުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.
މީގެ އިތުރުން ނިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެންވެސް މި މަހު 16 ވަނަ ދުވަހު ފުލުހުން އޮޕަރޭޝަނެއް ހިންގާފައިވެ އެވެ. މި އޮޕަރޭޝަނުގައި އެ ރަށު ބަނދަރުމަތިން ފ. ނިލަންދޫ، ޝަބްނަމުގެ، މުހައްމަދު މާނިއު (19އ) ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 6 ސެލޯފިންކޮޅު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން މުހައްމަދު މާނިއުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.
މި ދެ މައްސަލަ ވެސް ނިލަންދޫ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.





މީކޮންކަމެއް