އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާފައިނަލުގައި ރޭ ކުޅުނު ފޯރިގަދަ މެޗުން ސައުތެމްޓަން އަތުން 2-1 އިން ބަލިވެ، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އާސެނަލް މުބާރާތުން ކަޓައިފިއެވެ.
ސައުތެމްޓަންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން މޮޅުވުމާއެކު، އެ ޓީމު މިވަނީ 2021 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް އެފްއޭ ކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ.
މެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީވެސް ސައުތެމްޓަނުންނެވެ. މެޗުގެ 35 ވަނަ މިނެޓްގައި އާސެނަލްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ވަރަށް ރީތިކޮށް ކޮންޓްރޯލް ކުރުމަށްފަހު ފޮނުވާލި ހަމަލާއަކުން މި ގޯލު ކާމިޔާބުކޮށްދިނީ ރޮސް ސްޓެވާޓް އެވެ.
އާސެނަލުން މެޗުގެ ނަތީޖާ އެއްވަރުކުރީ ދެވަނަ ހާފުގެ 68 ވަނަ މިނެޓްގައެވެ. ކައި ހަވެޓްޒް ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިކްޓަ ޔޮކަރޭސް އެވެ. ނަމަވެސް، މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، 85 ވަނަ މިނެޓްގައި ޝިއާ ޗާލްސް ވަނީ ސައުތެމްޓަނަށް އަލުން ލީޑު ނަގައިދީ މެޗުން އެ ޓީމު މޮޅުކޮށްދީފައެވެ. މިއީ އާސެނަލްގެ އޭރިއާ ތެރޭގައި ހުރެފައި ގޯލުގެ ކަނަށް އަމާޒުކޮށްލި ބާރު ހަމަލާއެކެވެ.
މި މުބާރާތުގެ ކުއާޓާފައިނަލްގެ އެހެން މެޗުތަކަށް ބަލާއިރު، އިއްޔެ ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީން ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ލިވަޕޫލް ބަލިކޮށް ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އަދި ޗެލްސީން ވަނީ 7-0 އިން ޕޯޓްވޭލް ބަލިކޮށް ފަސޭހަކަމާއެކު ސެމީއަށް ދަތުރުކޮށްފައެވެ.
އެފްއޭ ކަޕްގެ ކުއާޓާފައިނަލްގެ ފަހު މެޗުގައި މިރޭ ބައްދަލުކުރާނީ ވެސްޓްހަމް ޔުނައިޓެޑާއި ލީޑްސް ޔުނައިޓެޑެވެ.





