އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި ރާއްޖޭގެ ފަސް ސިޓީއެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންގެ ގޮނޑި އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށްފިއެވެ.
މި އިންތިޚާބުގެ މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި، މާލެ ސިޓީގެ އިތުރުން ހދ. ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ޑަބްލިއުޑީސީ ރައީސްކަމުގެ ގޮނޑިތައް ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.
މި އިންތިޚާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް ފެނިގެންދިޔައީ ވެރިރަށް މާލެ ސިޓީގެ ޑަބްލިއުޑީސީ ރައީސްކަމުގެ މަގާމަށެވެ. މި މަގާމަށް ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން އާޝިޔަތު އަލައިކާ ވާދަކުރެއްވި އިރު، އެމްޑީޕީގެ ފަރާތުން ވާދަކުރެއްވީ އައިޝަތު ރީޝާއެވެ. ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ބޮޑު ތަފާތަކުން މި ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ރީޝާއެވެ.

ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންގެ ގޮތުގައި ހޮވުނު ބޭފުޅުން:
- އައިޝަތު ރީޝާ – މާލެ ސިޓީ
- މަރިޔަމް ޝިއުނާ – ފުވައްމުލައް ސިޓީ
- މަރިޔަމް ޝަރޫނާ – ތިނަދޫ ސިޓީ
- އައިމިނަތު އިބްރާހިމް – ކުޅުދުއްފުށި ސިޓީ
މީގެ އިތުރުން، މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ރާއްޖޭގެ ހުރިހާ ސިޓީތަކެއްގެ މޭޔަރުކަމުގެ ގޮނޑިތައް ވެސް ދިފާއުކޮށްފައިވަނީ އެމްޑީޕީންނެވެ. މިއީ މިހާރުވެސް އެ މަގާމުތަކުގައި ތިއްބެވި މޭޔަރުންނެވެ.
މި އިންތިޚާބުގެ ނަތީޖާއަކީ ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުނު ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި ސިޔާސީ މުހައްލިލުން ސިފަކުރެއެވެ. ޚާއްސަކޮށް މާލެ ސިޓީ އާއި އައްޑޫ ސިޓީގައި ސަރުކާރުން ވަރަށް ވަރުގަދަ ކެމްޕޭނެއް ހިންގި ނަމަވެސް، އުންމީދުކުރި ފަދަ ނަތީޖާއެއް ލިބިފައެއް ނުވެއެވެ. މި އިންތިޚާބުގެ ނަތީޖާއާއެކު ސިޓީތަކުގެ ބޮޑު އަގުލަބިއްޔަތެއް އަދިވެސް އޮތީ އިދިކޮޅު އެމްޑީޕީގެ އަތްމަތީގައެވެ.





