ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނީ އެއްވެސް ބަޔަކު ބާކީނުކޮށް، އެންމެން ގޮވައިގެން ކުރިއަށް ގޮސްގެން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރައްވާ މީކާއިލް ނަސީމުގެ ކެމްޕޭނަށް ރޭ ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތް ގޮތުން އެއްވެސް ޕާޓީއަކަށް އެކަނި ނިކުމެ ރިޔާސީ އިންތިޚާބެއް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.
”ތިމަންނަ އާއި ތިމަންނަ ވަށައިގެން ތިބި މީހުން އެކަނި ކައިރިކޮށްގެން، ހާއްސަކޮށް ރިޔާސީ އިންތިހާބެއް ކާމިޔާބެއް ނުކުރެވޭނެ،“ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހް އިތުރަށް ވިދާޅުވީ، އެންމެން ގޮވައިގެން އުޅުމުގެ އިތުރުން ގިނަ ބަޔަކަށް ގަބޫލުކުރެވޭ ފަދަ ހަރުދަނާ ސިޔާސަތުތަކެއް އެމްޑީޕީގައި އޮންނަންޖެހޭ ކަމަށެވެ. މިގޮތުން މީކާއިލް ނަސީމް ހުށަހަޅުއްވާ ސިޔާސަތުތަކަކީ ރަނގަޅު ސިޔާސަތުތަކެއްކަން ފާހަގަކުރައްވައި، އިންތިޚާބު ކާމިޔާބު ކުރެވޭނެ މަގުން ޕާޓީ ކުރިއަށް ދާންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޕާޓީގެ އެތެރޭގެ ޑިމޮކްރަސީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ބޭފުޅުން އެބަތިއްބެވި ކަމަށެވެ. އަދި މީކާއިލްގެ ޗެއާޕާސަން ކަމުގައި އެފަދަ ކޮންމެ ބޭފުޅަކަށްވެސް ހަމަހަމަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
”އެމްޑީޕީ ކުރިއަށް ދާންޖެހޭނީ މިފަދަ ގޮތަކަށް. އެހެން ނޫނީ އަނެއްކާވެސް އަނެއް ފަސް އަހަރު ރައްޔިތުން ތިބެންޖެހޭނީ މަގުމަތީގައި،“ ކުރިއަށް އޮތް އިންތިޚާބުތަކަށް ޕާޓީ ތައްޔާރުވުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ސޯލިހް ވިދާޅުވިއެވެ.





