އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނަށް ދެމުންދާ ނިރުބަވެރި ވައިގެ ޙަމަލާތަކުގައި، އީރާނުގެ އިންޤިލާބީ ފައުޖު (އައިއާރުޖީސީ) ގެ ޖާސޫސީ ވެރިޔާ މާޖިދު ޚާދިމީ ޝަހީދުކޮށްލައިފިއެވެ.
އައިއާރުޖީސީން ހާމަކޮށްފައިވާ ގޮތުގައި، ޚާދިމީ ޝަހީދުކޮށްލާފައިވަނީ މިއަދު ހެނދުނުން ފެށިގެން އީރާނުގެ ވެރިރަށް ތަހްރާނުގެ އިރުމައްޗާއި، ހުޅަނގު އަދި ދެކުނުގެ ސަރަޙައްދުތަކަށް އެމެރިކާ އާއި ޔަހޫދީން ގުޅިގެން ދެމުންދާ ވަރުގަދަ ވައިގެ ޙަމަލާތަކުގެ ތެރޭގައެވެ.
މި ޙަމަލާތަކުގައި ތަހްރާނުގެ އުތުރުގައި ހުންނަ ޝާރިފް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އީރާނުގެ ރަސްމީ އިދާރާތަކުން ހާމަކުރި ގޮތުގައި، ހަނގުރާމައިގެ މިހާތަނަށް އެ ޤައުމުގެ 30 ޔުނިވަރސިޓީއަކަށް ވަނީ ޙަމަލާތައް އަމާޒުކޮށްފައެވެ. މީގެ ތެރޭގައި ތަހްރާންގެ އެންމެ މުހިންމު އެއް މަތީ ތަޢުލީމީ މަރުކަޒުގައި ހުންނަ ދިރާސާކުރާ މަރުކަޒަކަށް ދިން ނުރައްކާތެރި ޙަމަލާއެއްގައި އެ ތަން ވަނީ މުޅިން ސުންނާފަތިކޮށްލާފައެވެ.
ތަޢުލީމީ މަރުކަޒުތަކުގެ އިތުރުން، އެމެރިކާއާއި ޔަހޫދީންގެ ޙަމަލާތައް ވަނީ ސިއްޙީ ދާއިރާއާއި ޢާންމު ޚިދުމަތްތަކަށް ވެސް އަމާޒުކޮށްފައެވެ. އެގޮތުން ތެހްރާންގައި ހުންނަ ވެކްސިން އުފައްދާ މަރުކަޒަކަށާއި ނަފްސާނީ ބަލިތަކަށް ފަރުވާދޭ ހޮސްޕިޓަލަކަށް ދިން ހަމަލާތަކާ ގުޅިގެން، އެ ތަންތަނުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ. އަދި އީރާނުގެ އިޤުތިޞާދަށް ދަތިކުރުމުގެ މަޤްޞަދުގައި ތެޔޮ ސާފުކުރާ ކާރުޚާނާތަކާއި، ޢާންމުން ދަތުރުފަތުރުކުރާ ބުރިޖުތަކަށް ވެސް ދަނީ ބޮން އަޅަމުންނެވެ.
އީރާނުގެ ކަމާގުޅޭ އިދާރާތަކުން ބުނާ ގޮތުގައި ތަހްރާނުގެ އިތުރުން، އީރާނުގެ މީހުން ދިރިއުޅޭ އެހެން ސަހަރުތަކަށް ވެސް ހުއްޓުމެއްނެތި ޙަމަލާތައް ދަނީ އަމާޒުވަމުންނެވެ. މި ނިރުބަވެރި ޢުދުވާނުގައި މިހާތަނަށް 2,076 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
ނިމިދިޔަ ފެބްރުއަރީ 28 ގައި އެމެރިކާއާ ގުޅިގެން ޔަހޫދީން ފެށި މި ނިރުބަވެރި ޢުދުވާނަށް އީރާނުން ވެސް ދަނީ ވަރުގަދަ ރައްދެއް ދެމުންނެވެ. އެގޮތުން، ޔަހޫދީންގެ މުޙިއްމު ބިނާތަކުގެ އިތުރުން ގަލްފުގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ވަނީ ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އީރާނުގެ ވެރިރަށަށް ދެމުންދާ ޙަމަލާތައް އިތުރަށް ފުޅާކޮށްފިނަމަ، އޭގެ ރައްދު މިއަށްވުރެ ވަރުގަދައަށް ދޭނެކަމުގެ އިންޒާރު އައިއާރުޖީސީން ވަނީ ދީފައެވެ.





