ވިޔަފާރި އުޅަނދުފަހަރަށް ހުރަހެއް ނެތި ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރެވޭނެކަން ޔަޤީންކުރުމަށްޓަކައި ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ޤަރާރު، އެ މަޖިލީހުގެ ދާއިމީ ދެ މެންބަރުން ކަމަށްވާ ޗައިނާއާއި ރަޝިޔާއިން ވީޓޯކޮށްފިއެވެ.
މި ޤަރާރަކީ ބަޙްރައިނުން އިސްނަގައިގެން ހުށަހެޅި ޤަރާރެކެވެ. 15 މެންބަރު ޤައުމުގެ މައްޗަށް އެކުލެވޭ ސަލާމަތީ މަޖިލީހުގައި މި ޤަރާރާ އެއްކޮޅަށް 11 ޤައުމަކުން ވޯޓު ދީފައިވާއިރު، ދެ ޤައުމަކުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. ނަމަވެސް، ޗައިނާއާއި ރަޝިޔާއިން ޤަރާރާ ދެކޮޅަށް ވޯޓު ދިނުމުން، ބަޙްރައިންގެ ޚާރިޖީ ވަޒީރު ޢަބްދުލްލަތީފް ބިން ރާޝިދު އަލް ޒަޔާނީ ވިދާޅުވީ ދާއިމީ މެންބަރުންގެ ވީޓޯއާ އެކު އެ ޤަރާރު ބަލައިގަނެވެން ނެތް ކަމަށެވެ.
މި މައްސަލަ އުފެދިފައިވަނީ، އެއްވެސް މަޤުބޫލު ސަބަބެއް ނެތި މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން ގުޅިގެން އީރާނަށް ޙަމަލާދީ ހަނގުރާމަ ފެށުމާ ގުޅިގެންނެވެ. އެ ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ ދުނިޔޭގެ ތެލާއި ގޭސް އުފުލާ މައި މަގެއް ކަމުގައިވާ ހުރުމުޒު ކަނޑުއޮޅި، އެމެރިކާއާއި ޔަހޫދީންނާ ގުޅުންހުރި އުޅަނދުފަހަރަށް ބަންދުކޮށްފައެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.
ޤަރާރު ވީޓޯކުރި ސަބަބާ ގުޅޭގޮތުން ޗައިނާއާއި ރަޝިޔާއިން ބުނީ، އެ ޤަރާރަކީ ވަކިކޮޅަކަށް ޖެހިފައިވާ، އީރާނަށް ގެއްލުންވާ ގޮތަށް އޮތް ލިޔުމެއް ކަމަށެވެ. ޗައިނާއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ފޫ ކޮންގު ވިދާޅުވީ، ޙަޟާރަތެއް ނައްތާލާނެ ކަމުގެ އިންޒާރު އެމެރިކާއިން ދެމުންދާއިރު މިފަދަ ޤަރާރެއް ބަލައިގަތުމަކީ ނުބައި މެސެޖެއް ދެވޭނެ ކަމެއް ކަމަށެވެ. ރަޝިޔާގެ ސަފީރު ވަސިލީ ނެބެންޒްޔާ ވިދާޅުވީ މެދުއިރުމަތީގެ ޙާލަތާ ގުޅޭ އިތުރު ޤަރާރެއް ރަޝިޔާއާއި ޗައިނާއިން ހުށަހަޅާނެ ކަމަށެވެ.
އީރާނުން އދ.އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާމިރު ސަޢީދު އިރަވާނީ ވަނީ ޗައިނާއާއި ރަޝިޔާގެ ނިންމުމަށް ތަޢުރީފު ކުރައްވާފައެވެ. އޭނާ ވިދާޅުވީ މި ނިންމުމުގެ ސަބަބުން ޢުދުވާނީ ޢަމަލުތަކަށް ޤާނޫނީ ސިފަ ދިނުމަށްޓަކައި ސަލާމަތީ މަޖިލީސް ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުނު ކަމަށެވެ.





