ޚާއްޞަ މައްސަރުތަކުގައި ފާފަތަކަށް އަރައިގަތުމުގެ ނުބައިކަން މާ ބޮޑުވެގެންވާކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ ”ޙުރުމަތްތެރިވެގެންވާ މައްސަރުތައް“ މި މައުޟޫޢަށެވެ.
މިއަދުގެ ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، މާތް ﷲ ގެ ޙިކުމަތްވަންތަކަމާއި ރަޙުމަތްވަންތަކަމުން އަހަރުގެ ބައެއް ވަގުތުތަކާއި މައްސަރުތައް ވަނީ ޚާއްޞަކުރައްވައި މާތްކުރައްވާފައެވެ. މީގެ މައިގަނޑު ބޭނުމަކީ އަޅުތަކުން އެކަލާނގެ ޙަޟުރަތަށް ކުއްތަންވުމަށް މަގުފަހިކޮށްދިނުމާއި، މާތް ﷲ ގެ ޝިޢާރުތައް މަތިވެރިކޮށް އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމަށް ބާރުއެޅުމެވެ.
ޙުރުމަތްތެރިވެގެންވާ ހަތަރު މައްސަރު ކަމުގައިވާ ޛުލްޤަޢިދާ، ޛުލްޙިއްޖާ، މުޙައްރަމް އަދި ރަޖަބު މަހަކީ މާތް ﷲ މަތިވެރިކުރައްވާފައިވާ މަސްތަކެއްކަން ފާހަގަކުރައްވައި، ޚުޠުބާގައި ވިދާޅުވީ މި މައްސަރުތަކުގައި ކުރާ ފާފައިގެ ފާފަވެރިކަން ބޮޑުވެގެންވާ ކަމަށެވެ. އަދި ހަމައެއާއެކު، މި މަސްތަކުގައި ކުރާ ހެޔޮ ޢަމަލުތަކުގެ ދަރުމައާއި ޘަވާބު އިތުރުކުރައްވާފައިވާކަންވެސް ހަނދާންކޮށްދެއްވިއެވެ.
ޚުޠުބާގައި އިތުރަށް ބަޔާންކުރި ގޮތުގައި، މި މައްސަރުތަކުގައި އަމިއްލަ ނަފުސަށް އަނިޔާވެރިވުމަކީ މާތް ﷲ ޙަރާމްކުރައްވާފައިވާ ކަންކަމަށް އަރައިގަނެ ފާފަވެރި ޢަމަލުތައް ކުރުމެވެ. ކޮންމެ ވަގުތެއްގައި ފާފަކުރުމަކީ ކޯފާ ޙައްޤުވާ ކަމަކަށްވީ ނަމަވެސް، މި ޚާއްޞަ މައްސަރުތަކުގައި ފާފަކުރުމަކީ އެކަލާނގެ މަތިވެރިކުރައްވާފައިވާ ކަންކަމުގެ ޙުރުމަތްކަނޑައި އިހާނެތިކޮށް ހިތުން ކަމުގައިވާތީ އެކަމުގެ ނުބައިކަން މާ ބޮޑެވެ.
މިފަދަ މަތިވެރި މައްސަރަކާ ބައްދަލުވުމުން މުއުމިނު އަޅާގެ މައްޗަށް އޮތީ އަޅުކަމުގައި ހީވާގިވުންކަމަށް ޚުޠުބާގައި ނަސޭހަތްތެރިވިއެވެ. އެގޮތުން ގިނަގިނައިން ޛިކުރުކުރުމާއި، ދުޢާކުރުމާއި، ކީރިތި ޤުރުއާން ކިޔެވުމުގެ އިތުރުން ރޯދަހިފުމާއި ޞަދަޤާތްކުރުން ފަދަ ހެޔޮ ޢަމަލުތައް ގިނަކުރުމަށް ބާރުއެޅިއެވެ. އަދި ޣީބަބުނުމާއި، ދޭތެރެޖެއްސުމާއި، ދޮގުހެދުން ފަދަ ނުބައި ފާފަތަކުން ރައްކާތެރިވެ ދުރުހެލިވުމަށް ވަނީ އިންޒާރު ދީފައެވެ.
ޚުޠުބާ ނިންމާލަމުން، ފާއިތުވެދިޔަ ތަނުގައި އުނިވެފައިވާ ކަންކަން ރަނގަޅުކޮށް، ކުރިއަށް އޮތް ބަރަކާތްތެރި ވަގުތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި މާތް ﷲ އަށް ތަޤުވާވެރިވުމަށް ހުރިހާ މުސްލިމުންނަށް އިލްތިމާސްކުރިއެވެ.





