މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ރާއްޖޭއިން ބޭރުގެ ގައުމުތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ފުރުސަތުތައް ފަހިވަމުން އަންނަކަން އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައުދީ ވިދާޅުވީ، ސަރުކާރުގެ ގިނަ އަދަދެއްގެ މަޝްރޫއުތައް ކާމިޔާބުކަމާއެކު ހިންގައި ތަންފީޒުކުރަމުން ދިއުމަކީ އެ ކުންފުނީގެ ޕޯޓްފޯލިއޯ މުއްސަނދިވެ، ބައިނަލްއަގުވާމީ މައިދާނުގައި ކުންފުނީގެ ގާބިލުކަން އިތުރުވަމުންދާ ކަމެއް ކަމަށެވެ. މީގެ ސަބަބުން ކުންފުންޏަށް އޮންނަ އިތުބާރު ބޮޑުވެ، ރާއްޖޭއިން ބޭރުގެ ބައެއް މަޝްރޫއުތައް ހިންގުމުގައި އެމްޓީސީސީއާ ގުޅިގެން މަސައްކަތް ކުރުމަށް ބައިނަލްއަގުވާމީ ކުންފުނިތަކުން މިހާރު ހުށަހަޅަމުން އަންނަކަމަށް ސައުދީ ފާހަގަކުރެއްވިއެވެ.
އެމްޓީސީސީއަކީ އާންމު ރައްޔިތުންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވެފައި، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގުމުގެ ތަޖުރިބާ ހުރި ކުންފުންޏަކަށް ވުމަކީ ބޭރުގެ ކުންފުނިތަކުން އެ ކުންފުންޏާއެކު މަސައްކަތް ކުރަން ޝައުގުވެރިވާ މައިގަނޑު ސަބަބު ކަމަށް ސައުދީ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މިކަމުގެ ހަގީގީ ފައިދާ ފެންނާނީ ބައިނަލްއަގުވާމީ ބިޑުތަކުގައި ބައިވެރިވުމުންނެވެ. ވަރުގަދަ ޕޯޓްފޯލިއޯއެއް އޮތުމަކީ ބޭރުގެ ބޮޑެތި ބިޑުތައް ކާމިޔާބު ކުރުމަށް ލިބޭ ވަރަށް ބޮޑު ފަސޭހައެކެވެ.
މިހާރުވެސް ބޭރުގެ ބައެއް ކުންފުނިތަކާއެކު މަޝްވަރާތައް ކުރިއަށްދާކަން ހާމަކުރައްވަމުން ސައުދީ ވިދާޅުވީ، އޭގެ ތެރޭގައި މޮރިޝަސްގައި އެއާޕޯޓެއް ތަރައްގީ ކުރުމާ ގުޅޭ މަޝްރޫއެއްގެ ހުށަހެޅުން ހިމެނޭ ކަމަށެވެ. ރާއްޖޭއިން ބޭރުގެ މަޝްރޫއުތަކަށް ބިޑުކޮށް، އެ މަސައްކަތްތައް ކާމިޔާބުކޮށްގެން ކުރިއަށް ގެންދިއުމަކީ އެމްޓީސީސީގެ މުސްތަގުބަލަށް އޮތް ވަރަށް ބޮޑު އަމާޒެކެވެ.
އެމްޓީސީސީން މިހާރުވެސް ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ބިން ހިއްކުމާއި، ބަނދަރު ހެދުމާއި، މަގުތައް ތަރައްގީ ކުރުމުގެ އިތުރުން އެއާޕޯޓް އެޅުމުގެ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. މިފަދަ މަޝްރޫއުތަކުން ހޯދާފައިވާ ތަޖުރިބާއާއެކު، ރާއްޖޭގެ ބޯޑަރުން ބޭރަށް ކުންފުނީގެ މަސައްކަތްތައް ފުޅާކުރުމަކީ ރާއްޖޭގެ އިގްތިސާދަށްވެސް ލިބޭނެ ކުރިއެރުމެކެވެ.




