ވިލިމާލޭގެ އުތުރު ފަރާތުގައި ޑިންގީ ޖެޓީއެއް ގާއިމުކުރުމުގެ އިތުރުން، އެ ރަށުގެ ވަށައިގެން ގިރަމުންދާ ސަރަހައްދުތަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މުހިންމު ދެ މަޝްރޫއެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫއުގެ އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ.
މި މަޝްރޫއުތަކުގެ ތެރެއިން ވިލިމާލޭގެ އުތުރު ފަރާތުގައި ޑިންގީ ޖެޓީ ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފަސް މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މަސައްކަތުގެ ދަށުން:
- ބަނދަރު ތެރެއާއި ނެރު ފުންކުރުމަށް 3،698 ކިއުބިކް މީޓަރުގެ ވެލި ނެގުން
- ރޭމްޕާއި ސިޑިއާ އެކު 74 މީޓަރުގެ އެއްގަމު ތޮއްޓެއް ލުން
- 3 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުން
- 24 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓާއެއް ގާއިމުކުރުން
- 74 މީޓަރު ދިގު، 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް އެޅުން ހިމެނެއެވެ.

މީގެއިތުރުން، ވިލިމާލޭގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހަ މަސްދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، އެ މަސައްކަތުގެ ދަށުން 1.1 ހެކްޓަރުގެ ސަރަހައްދަކަށް ވެލިއަޅައި ބިންގަނޑު އުސްކުރާނެއެވެ. އަދި 150 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި، 181 މީޓަރުގެ ބޮޑުހިލަ ސަބްމާޖްޑް ބްރޭކްވޯޓާ އެޅުމުގެ އިތުރުން، ކުރިން ހަދާފައިވާ ބްރޭކްވޯޓާގެ ތެރެއިން 60 މީޓަރުގެ ސަރަހައްދެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.
ވިލިމާލޭގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައި މިވަނީ، ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ އެ ރަށުގެ ދެކުނު ފަރާތު ގޮނޑުދޮށުން ބޮޑު ބައެއް ގިރައިގެން ގޮސް، ރަށުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ދަނޑިވަޅެއްގައެވެ. މި މަޝްރޫއު ނިމުމުން ވިލިމާލޭގެ ރައްޔިތުންނަށާއި ކުދި އުޅަނދުފަހަރު ގެންގުޅޭ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.




