ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ފުރާވަޑައިގަތީ މިދިޔަ ހޯމަ ދުވަހުއެވެ. މި ދަތުރުފުޅަކީ ސައުދީ އަރަބިއްޔާގެ ސަރުކާރުގެ ޚާއްޞަ މެހެމާންދާރީގައި ކުރެއްވި ދަތުރުފުޅެކެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ހަމަޖައްސައިދީފައިވަނީ ސައުދީ ސަރުކާރުންނެވެ. އަދި މި ދަތުރުފުޅުގެ އެންމެހައި އިންތިޒާމުތައް މިދިޔަ ފެބްރުވަރީ މަހުގެ ކުރީކޮޅު ހަމަޖެހިފައިވާ ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.
މިއީ ރައީސް ޑރ. މުޢިއްޒު މަޤާމާ ޙަވާލުވެވަޑައިގެންނެވި ފަހުން ސައުދީ ސަރުކާރުގެ އެހީތެރިކަމާއެކު ކުރެއްވި މިފަދަ ދެވަނަ ދަތުރުފުޅެވެ. އެގޮތުން 2024 ވަނަ އަހަރުގެ މެއި މަހުވެސް ސައުދީން ދެއްވި ފުރުޞަތެއްގައި ރައީސްގެ ދެކަނބަލުން ޢުމްރާގެ އަޅުކަން އަދާކުރެއްވިއެވެ. މީގެ އިތުރުން، މިދިޔަ އަހަރު ސައުދީ ރޯޔަލް ކޯޓުން ހިލޭ ހަމަޖައްސައިދިން ފުރުޞަތެއްގައި އެމަނިކުފާނުގެ ދެކަނބަލުން ވަނީ ޙައްޖުގެ މަތިވެރި އަޅުކަންވެސް އަދާކުރައްވާފައެވެ.
މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ.





