އިންޑިއާގެ މިއުޒިކީ އާލަމްގައި އެންމެ މަގުބޫލު އެއް އަޑުގެ ވެރިޔާ، އާޝާ ބޯސްލޭ މިއަދު މެންދުރުގެ ވަގުތެއްގައި މަރުވެއްޖެއެވެ. މަރުވިއިރު އޭނާގެ އުމުރަކީ 92 އަހަރެވެ.
އާޝާ މަރުވީ ހާލު ދެރަވެގެން ރޭގެ ވަގުތެއްގައި މުމްބާއީގެ ބްރީޗް ކެންޑީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރުގެ ވަގުތެއްގައެވެ. އާއިލާ އިން މައުލޫމާތު ދީފައިވާ ގޮތުގައި، އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ ވަރުދެރަވުމުގެ އިތުރުން މޭމަތީގެ އިންފެކްޝަނެއްގެ ސަބަބުން ހާލަތު ގޯސްވުމާ ގުޅިގެންނެވެ.
އާޝާ ބޯސްލޭއަކީ އިންޑިއާގައި އުފެދުނު އެންމެ ކުޅަދާނަ އަދި އެންމެ ހުނަރުވެރި އަންހެން ލަވަކިޔުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ފަންނާނެކެވެ. އޭނާއަކީ އިންޑިއާގެ މިއުޒިކީ ދާއިރާގައި ނުފޫޒުގަދަ މަންގޭޝްކަރް އާއިލާގެ މެންބަރެކެވެ. އޭނާގެ ކެރިއަރު 1940 ގެ އަހަރުތަކުގައި ފަށާފައިވާއިރު، މިހާތަނަށް 12,000 އަށްވުރެ ގިނަ ލަވަ ރެކޯޑްކޮށްފައިވެއެވެ.
އިންޑިއާގެ ފަހުރުވެރި ފަންނާނެއްގެ ގޮތުގައި ބެލެވޭ އާޝާއަށް ވަނީ އިންޑިއާ ސަރުކާރުން ދޭ ދެވަނައަށް އެންމެ މަތީ ޝަރަފު ކަމަށްވާ ޕަދްމާ ވިބުޝަން 2008 ވަނަ އަހަރު އަރުވާފައެވެ. މީގެ އިތުރުން ދެ ނެޝަނަލް އެވޯޑްވެސް އޭނާ ވަނީ ހާސިލުކޮށްފައެވެ.
އާޝާއަކީ އިންޑިއާގެ ”ރަން އަޑުގެ ވެރިޔާ“ ލަތާ މަންގޭޝްކަރްގެ ކޮއްކޮއެވެ. ލަތާ މަންގޭޝްކަރް މަރުވީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު، އުމުރުން 92 އަހަރުގައެވެ.
އާޝާ ބޯސްލޭގެ ކުއްލި މަރާ ގުޅިގެން އިންޑިއާގެ ފަންނާނުންނާއި އާންމުން އަންނަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ހިތާމަފާޅުކުރަމުންނެވެ. އޭނާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ.





