މިއަދުން ފެށިގެން އީރާނުގެ ބަނދަރުތަކުން އުޅަނދުފަހަރު ދަތުރުކުރުން ބަންދުކުރާނެ ކަމަށް އެމެރިކާއިން އިޢުލާން ކުރުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް ވަރަށް ބޮޑަށް އުފުލިއްޖެއެވެ.
މި ނިންމުމާ އެކު ބައިނަލްއަޤްވާމީ ބެންޗްމާކް ކަމަށްވާ ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ގާތްގަނޑަކަށް އަށް ޕަސެންޓް މައްޗަށް ގޮސް، މިހާރު ވަނީ 102 ޑޮލަރަށް އަގު އުފުލިފައެވެ. މީގެ އިތުރުން އެމެރިކާގެ ބެންޗްމާކް ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް (ޑަބްލިއުޓީއައި) ކްރޫޑް ފީފާއެއްގެ އަގު ނުވަ ޕަސެންޓަށް މައްޗަށް ގޮސް، ފީފާއެއްގެ އަގު ވަނީ 105 ޑޮލަރަށް އަރާފައެވެ.
ތެލުގެ އަގަށް މި ބަދަލު އައިސްފައިވަނީ، ޕާކިސްތާނުގައި އެމެރިކާއާއި އީރާނާ ދެމެދު ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ކުރިން ބްރެންޓް ފީފާއެއްގެ އަގު ގާތްގަނޑަކަށް އެއް ޕަސެންޓް ދަށަށް ގޮސްފައި ވަނިކޮށެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ހަމަލާތައް ފެށިފަހުން ތެލުގެ އަގު އަންނަނީ މެދުކެނޑުމެއްނެތި އުފުލެމުންނެވެ. ހަނގުރާމަ ފެށުމުގެ ކުރިން ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 70 ޑޮލަރުގައި ހުރި ނަމަވެސް، ހަމަލާތަކާ ގުޅިގެން މި އަގު ވަނީ 119 ޑޮލަރަށްވުރެ މައްޗަށް ވެސް މީގެ ކުރިން އުފުލިފައެވެ.
މި ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ މުހިންމު ކަނޑުއޮޅީގެ ކޮންޓްރޯލް ނަގައި، އުޅަނދުތައް ދަތުރުކުރުމަށް ހުރަސްއަޅާފައެވެ. މީގެ ސަބަބުން ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ބޮޑެތި ބުރޫތަކެއް އަރައި، ބާޒާރުގައި ތެޔޮ ލިބުން ދަތިވެ އަގުތައް ވަނީ ކޮންޓްރޯލުން ނެއްޓިފައެވެ.
މައްސަލަ އިތުރަށް ގޯސްވެފައިވަނީ، އީރާނުގެ ބަނދަރުތަކަށް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތައް ހުއްޓުވައި، ކަނޑުއޮޅި ބަންދުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ސެންޓްރަލް ކޮމާންޑަށް އަމުރުކުރެއްވުމާ ގުޅިގެންނެވެ. ސެންޓްރަލް ކޮމާންޑުން ބުނެފައިވަނީ މިއަދުން ފެށިގެން އެ އަމުރަށް އަމަލުކުރަން ފަށާނެ ކަމަށެވެ.
ނަމަވެސް އީރާނުން ބުނަމުންދަނީ އެމެރިކާގެ މި ނިންމުމަކީ ދެ ޤައުމުގެ ދެމެދުގައި މިހާރު ވެފައިވާ ވަގުތީ ގޮތުން ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށެވެ. މި މަޝްރަހާ ގުޅިގެން ބައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އަގު ކުރިއަށް އޮތް ތަނުގައިވެސް އުފުލިގެންދާނެ ކަމަށް އިޤްތިޞާދީ މާހިރުން ލަފާކުރެއެވެ.





