އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ސްކޫލަކަށް ވަދެވޭނެ މަގު، ޔަހޫދީ ޣައިރު ގާނޫނީ ވަޒަންވެރިން ބަންދުކުރުމާ ގުޅިގެން އިހުތިޖާޖު ކުރަމުންދިޔަ ފަލަސްތީނުގެ ކުޑަކުދިންތަކަކަށް އަމާޒުކޮށް އިޒްރޭލު ސިފައިން ކަރުނަގޭސް ޖަހައި ރަހުމުކުޑަ ހަމަލާތަކެއް ދީފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ހުޅަނގު އައްސޭރީގެ ދެކުނުގައި އޮންނަ އުންމުލް-ޚައިރު އަވަށުގައެވެ. މި ހަމަލާ ދީފައިވަނީ ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން 40 އަށް ވުރެ ގިނަ ދުވަހު ކިޔެވުން މެދުކަނޑާލާފައި އޮތުމަށްފަހު، އެ އަވަށުގެ ކުދިން އަލުން ސްކޫލަށް ދިޔަ ފުރަތަމަ ދުވަހުއެވެ. ޔަހޫދީ ވަޒަންވެރިން ވަނީ ކަށިނަރު ދަމައި ސްކޫލަށް ވަދެވޭނެ މައި މަގު ބަންދުކޮށް، ކުދިންގެ އުނގެނުމުގެ ހައްގަށް ހުރަސް އަޅާފައެވެ.
އޭއެފްޕީގެ ފޫޓޭޖްތަކުން ފެންނަ ގޮތުގައި، މަގު ހުޅުވައިދިނުމަށް އެދި ހާމަ ތަނެއްގައި އިށީނދެގެން ތިބި ދަރިވަރުންނާއި އާންމުންނަށް އަމާޒުކޮށް އިޒްރޭލު ސިފައިން ކަރުނަގޭސް ޖެހުމާ އެކު، ކުޑަކުދިން ބިރުން ހަޅޭއްލަވަމުން އެކި ދިމަދިމާލަށް ދުވާ މަންޒަރު ފެނެއެވެ.
މި ހާދިސާ ފެނި ބިރުން ހުރި 12 އަހަރުގެ ސާރާ އަލް-ހަސަލީން ބުނީ، ”އަހަރެމެން އިށީނދެގެން ތިއްބާ ކުއްލިއަކަށް ކަރުނަގޭސް ޖެހީ. އަހަރެން ވަރަށް ބިރުގަތް،“ ކަމަށެވެ.
މި ސަރަހައްދުގެ އެޑިއުކޭޝަން ޑިރެކްޓަރު ބައްސާމް ޖަބްރު ވިދާޅުވީ، ޔަހޫދީން ދަނީ އެކި ގޮތްގޮތުން ފަލަސްތީނު މީހުންގެ ދިރިއުޅުމަށް ދަތިކޮށް، އެ މީހުންގެ ބިންތަކަށް ވެރިވެގަނެ އާބާދީތައް ފުޅާކުރަން މަސައްކަތް ކުރަމުން ކަމަށެވެ. އަދި ކުދިންނަށް ސްކޫލަށް ދެވޭނެ ދާއިމީ ހައްލެއް ލިބެންދެން އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން މިކަމާ ގުޅިގެން ބުނީ އެ ސަރަހައްދުގައި ބޭއްވި ”އާދަޔާ ހިލާފު އެއްވުމެއް“ ރޫޅާލާފައިވާ ކަމަށެވެ. ނަމަވެސް ކުޑަކުދިންނަށް އަމާޒުކޮށް ކަރުނަގޭސް ޖެހި ކަމަށް އިއުތިރާފުވާން ސިފައިން ވަނީ ދެކޮޅު ހަދާފައެވެ.
މަސާފަރު ޔައްތާ ސަރަހައްދަކީ ޒަމާނުއްސުރެ ޔަހޫދީ ވަޒަންވެރިންގެ އަނިޔާވެރިކަން އިންތިހާއަށް ބޮޑު ސަރަހައްދެކެވެ. ހާއްސަކޮށް ފަހަކަށް އައިސް ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނު މީހުންނަށް ދޭ ހަމަލާތައް ވަނީ ކުރިއަށްވުރެ އެތައް ގުނައެއް އިތުރުވެފައެވެ. އިޒްރޭލުން 1967 އިން ފެށިގެން ހިފާފައި އޮންނަ ހުޅަނގު އައްސޭރީގައި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހަދާފައިވާ ޔަހޫދީ އާބާދީތަކުގައި މިހާރު ފަސް ލައްކައަށް ވުރެ ގިނަ އިޒްރޭލު މީހުން ދަނީ ދިރިއުޅެމުންނެވެ.





