މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި، ދައުލަތުން ދައުވާ އުފުލާފައިވާ ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލްގެ މައްޗަށް ބައެއް ދައުވާތައް ސާބިތުވެ، ތިން އަހަރުގެ ޖަލު ހުކުމެއް މިއަދު ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.
ޏ. ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ޝިއާއު މަރާލުމަށްފަހު، އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވައި ހ. ޝީރީންވިލާ ގޭގެ ތެރެއިން ފެނުނީ އޮގަސްޓް 6، 2022 ގައެވެ. މި މައްސަލައިގައި ޝާހިލްގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާފައިވާއިރު، އޭގެ ތެރެއިން ބައެއް ދައުވާތަކުގެ ބާވަތް ސިއްރުކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިއަދު ކޯޓުން ހުކުމް ކުރީ އޭގެ ތެރެއިން ދެ މައްސަލައެއްގައެވެ.
ކޯޓުން މިއަދު ކުރި ހުކުމުގައިވާ ގޮތުން، ޝާހިލްގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއް ސާބިތުވާތީ އޭނާ ތިން އަހަރާއި އެއް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް، މި މައްސަލައިގައި ހިމެނޭ އެންމެ ބޮޑު ދައުވާ ކަމަށްވާ ގަސްދުގައި މީހަކު މެރުމުގެ ދައުވާ ހިމެނޭހެން، ބާކީ ހުރި އެހެން ދައުވާތަކުގެ ހުކުމް މިހާތަނަށް ނީއްވާކަން ފާހަގަކުރެވެއެވެ.
ޝިއާއުގެ މަރުގެ މައްސަލައިގެ ޝަރީއަތަށް މިހާރު ތިން އަހަރުވެފައިވާއިރު، ޝާހިލް ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ އޮގަސްޓު 7، 2022 ގައެވެ.
ފުލުހުން މީގެ ކުރިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޝިއާއުގެ ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ގޮތުގައި އޭނާ މަރާލުމަށް ފަހުގައި ވެސް ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވެއެވެ. އަދި ޝިއާއު މަރުވާން މެދުވެރިވީ ޝާހިލްގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުންކަން ޕޯސްޓްމޯޓަމް ރިޕޯޓުން ކަށަވަރުވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ކްރިމިނަލް ކޯޓުން މީގެ ކުރިން ބުނެފައިވަނީ، މުޅި މި މައްސަލައިގެ ހުކުމް މި މަހުގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.





