އިޒްރޭލާއި ލުބުނާނާ ދެމެދު ގާއިމުކުރި ސުލްހައިގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާ އެކު، ދުނިޔޭގެ އިގްތިސާދީ މުހިންމު ރާސްތާއެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި އާންމު ވިޔަފާރި އުޅަނދުފަހަރަށް މުޅިން ހުޅުވާލާފައިވާކަން އިރާނުން މިއަދު އިއުލާންކޮށްފިއެވެ.
އިރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލުބުނާނުގެ ސުލްހައިގެ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން، ސުލްހައިގެ މުއްދަތު ނިމެންދެން ހުރިހާ ވިޔަފާރި އުޅަނދަކަށް އެ ސަރަހައްދުން ދަތުރުކުރުމުގެ ހުއްދަ މިހާރު ދީފައިވާ ކަމަށެވެ. ނަމަވެސް، ސަލާމަތީ ސަބަބުތަކަށްޓަކައި ހުރިހާ އުޅަނދަކުން ވެސް އިރާނުގެ މެރިޓައިމް އޮތޯރިޓީން ކަނޑައަޅާފައިވާ ވަކި ރޫޓަކުން ދަތުރުކުރަން ޖެހޭނެ ކަމަށް އަރާގްޗީ ފާހަގަކުރެއްވިއެވެ.
އިރާނުގެ މި ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މަރުހަބާ ވިދާޅުވެފައެވެ. ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، ކަނޑުއޮޅި ހުޅުވައިލުމުން އެކަމަށް ޝުކުރު އަދާކުރެއްވި ނަމަވެސް، އިރާނާއެކު ވަކި އެއްބަސްވުމަކަށް އާދެވެންދެން އެ ގައުމުގެ ބަނދަރުތަކަށް އެމެރިކާގެ ކަނޑުގެ ސިފައިން ކުރިމަތިކޮށްފައިވާ ބްލޮކޭޑް ދެމިއޮންނާނެ ކަމަށް ވިދާޅުވިއެވެ.
މި އިއުލާނާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. ހޮރްމޫޒް ކަނޑުއޮޅި ހުޅުވައިލިކަން ހާމަކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ތެލުގެ އަގު ވަނީ 11 ޕަސެންޓަށް ވުރެ ބޮޑަށް ދަށަށް ގޮސްފައެވެ.
މި ކުރިއެރުން އައިސްފައިވަނީ އިޒްރޭލާއި ލުބުނާނުގެ ހަނގުރާމަ 10 ދުވަހަށް މެދުކަނޑައިލިކަން ރޭ އިއުލާންކޮށް، އެކަމަށް އަމަލުކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގައި އުފައްދާ ތެލުގެ ބޮޑު ބައެއް އުފުލާ މުހިންމު ސަރަހައްދަކަށް ވުމުން، މި ނިންމުމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް މާހިރުން ލަފާކުރެއެވެ.





