ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުޞޫލެއް، ފުރަތަމަ ފަހަރަށް އެކުލަވާލައި، މިއަދު ވަނީ ސަރުކާރު ގެޒެޓުގައި އާންމުކުރައްވާފައެވެ. މި އުޞޫލުގެ ދަށުން ދައުލަތުގެ އާމްދަނީގެ 0.1 ޕަސެންޓް މީޑިއާތަކަށް ޚާއްސަކުރެވޭނެކަމަށް ބެލެވެއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާ އެއްގޮތަށް މީޑިއާތަކާއި ނޫސްވެރިކަން ކުރިއެރުވުމަށްޓަކައި، ދައުލަތުގެ ބަޖެޓުން އިންސައްތައެއް އެކަށައަޅުއްވައި މީޑިއާތަކަށް ހަމަޖެއްސެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން އެކުލަވާލެއްވި އުޞޫލެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު އިންތިޤާލީ މަރްޙަލާގައި، ރާއްޖޭގެ ހުރިހާ މީޑިއާ ތަކާއެކު ”މީޑިއާ ގުންޒަރު“ގެ ނަމުގައި ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި އެ މަނިކުފާނު ވަނީ މީޑިއާގެ ކަންކަން ގެންދާނެގޮތުގެ ޚިޔާލު ހޯއްދަވައި، މީޑިއާތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލުހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
އެގޮތުން އެ ރޭ އެމަނިކުފާނު ވަނީ މީޑިއާތައް ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅުއްވާ ޕްލޭންގެ ތެރެއިން މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށް ދައުލަތުގެ ބަޖެޓުން އިންސައްތައެއް ކަނޑައަޅުއްވައި، އެ މިންވަރު މީޑިއާތަކަށް ހަމަޖެއްސެވުމުގައި ދެފުށްފެންނަ، ޒިންމާދާރު އުޞޫލެއް އެކުލަވާލައްވާނެކަން އިޢުލާންކުރައްވާފައެވެ. މިހާރު ގެޒެޓުކުރެވުނު އުޞޫލަކީ އެ ވަޢުދު ފުއްދެވުމަށް ކުރެވުނު މަސައްކަތްޕުޅެއްގެ ނަތީޖާއެވެ.
މިއަދު ގެޒެޓުކުރެވުނު މި އުޞޫލުގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އެންމެހާ އުޞޫލުތަކާއި މިންގަނޑުތައް ބަޔާން ކުރައްވާފައިވެއެވެ. މި އުޞޫލުގެ ސަބަބުން ދިވެހި ނޫސްވެރިކަން އިތުރަށް ހަރުދަނާވެ، މީޑިއާތަކަށް އިތުރު ބާރުވެރިކަމެއް ލިބިގެންދާނެކަމަށް އުންމީދު ކުރެވެއެވެ.





