ސިޔާސީ މަގާމުތަކަކީ ހަދިޔާއެއް ނޫން ކަމަށާއި، އެ މަގާމުތަކުގައި ތިބޭ ފަރާތްތަކުން މަސައްކަތުގެ ނަތީޖާ ނެރެންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ރޭ ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ސިޔާސީ ވަޒީފާއެއް ލިބެނީ ވަކި ސިޔާސީ ފިކުރެއްގައި ކުރާ މަސައްކަތުގެ ތެރެއިން ނުވަތަ އޮންނަ ވަފާތެރިކަމެއްގެ ސަބަބުން ކަމަށެވެ. އަދި ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންގެ މައިގަނޑު ބޭނުމަކީ، ވަފާތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވާ އެންގެވުންތަކާ އެއްގޮތަށް މަސައްކަތް ކުރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”އެ އިތުބާރާއި ޔަގީންކަން އޮތް ބަޔަކު ތިބުން މުހިންމުވަނީ. އެކަމަކު އަޅުގަނޑު ވެސް ހިމެނޭގޮތަށް، އަޅުގަނޑުމެން އެއްވެސް މީހަކަށް ލިބޭ ހަދިޔާއެއް ނޫން އެއީކީ. އަޅުގަނޑު ގަބޫލެއް ނުކުރަން ސިޔާސީގޮތުން އަޅުގަނޑުގެ ޕާޓީއަށް ވަފާތެރިވީތީ އަޅުގަނޑަށް ފަސް އަހަރު ދުވަހަށް ފީސަބީލިއްލާހިއަށް ލިބިފައި އޮންނަ ހަދިޔާއެކޭ،“ މުންދު ވިދާޅުވިއެވެ.
މުންދު އިތުރަށް ވިދާޅުވީ، ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް މުސާރަ ދެނީ ދައުލަތުގެ ބަޖެޓުން ކަމަށްވާތީ، އެއީ ރައްޔިތުންގެ ފައިސާ ކަމަށެވެ. އެހެންކަމުން، ކޮންމެ ސިޔާސީ މުވައްޒަފަކީ ވެސް ރައްޔިތުންގެ ހާދިމެއް ކަމަށާއި، އެމީހެއްގެ މަސައްކަތުގެ ފެންވަރު ނުވަތަ ’ޕާފޯމަންސް‘ ދައްކަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މަސައްކަތުގެ ފެންވަރު ނުދެއްކޭނަމަ، މަގާމުން ވަކިވާންޖެހޭ ހާލަތުގައި އެކަމާ ޝަކުވާކޮށްގެން ނުވާނެ ކަމަށްވެސް މުންދު ވިދާޅުވިއެވެ.
މީގެއިތުރުން، ސަރުކާރުގެ މިހާރުގެ އަމާޒަކީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުން ކަމަށް މުންދު ފާހަގަކުރެއްވިއެވެ. މިހާރު ކުރިއަށްދާ މުވައްޒަފުންގެ ފެންވަރު ބެލުމުގެ މަރުހަލާ ނިމުމުން، މަގާމުތަކުގައި ތިބޭނީ އެންމެ އެކަށޭނެ ބޭފުޅުން ކަމަށާއި، އޭގެ ސަބަބުން ސަރުކާރުގެ ހިދުމަތްތަކުގެ ދުވެލި އިތުރަށް ހަލުވިވެގެންދާނެ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ވިދާޅުވިއެވެ.





