ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ވީ އެންމެ މަދުކުރަން ބޭނުންފުޅުވާ ކަމަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް 33 އިންސައްތަ މުވައްޒަފުން މަދުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އައްޔަންކޮށްފައި ތިބި ސިޔާސީ މުވައްޒަފުންގެ ތެރެއިން މަސައްކަތުގެ ފެންވަރަށް ނުވަތަ ޕާފޯމަންސްއަށް ބެލުމަށް ފަހު، ވީ އެންމެ ގިނަ މުވައްޒަފުންނެއް ކަނޑާލަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް، މިކަން ކުރައްވާނީ ވަކި އަދަދެއް ހަމަކުރުމުގެ މަގްސަދުގައި ނޫން ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
”ސަރުކާރުގެ ޕޮލިޓިކަލް މަގާމުތަކުގައި އެ ކަހަލަ ޕަސެންޓޭޖެއް އޮތީއަކީ ނޫން. އެކަމަކު ހަމަ ޓާގެޓަކީ ވީ އެންމެ ކުޑައެއް ކުރުން، ޕާފޯމަންސް ބޭސްޑްކޮށް ބަލާފައި،“ ރައީސް މުއިއްޒު ވިދާޅުވިއެވެ.
މި އިސްލާހީ ފިޔަވަޅުތަކުގެ ދަށުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ވެސް 33 އިންސައްތަ މަދުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ކުންފުނިތަކުން މުވައްޒަފުން ވަކިކުރުމުގައި ވެސް ބަލާނީ ޕާފޯމަންސްއަށް ކަމަށާއި، މީގެ ފަހުން ކުންފުނިތަކަށް މުވައްޒަފުން ނަގަންވާނީ އިއުލާނުކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ނިންމަވާފައިވަނީ ސިޔާސީ ނުފޫޒުން ނުވަތަ ވަކި މީހަކު ބުނެގެން ކުންފުނިތަކަށް މުވައްޒަފުން އައްޔަންކުރުން މުޅިން ހުއްޓާލުމަށެވެ.
ދާދިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި ރިފަރެންޑަމް ވޯޓަށް ފަހު ސަރުކާރުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަނީ ގެންނަމުންނެވެ. އެގޮތުން، ކެބިނެޓުގައި ކުރިން ތިއްބެވި 10 މިނިސްޓަރުން އެއް ދުވަހެއްގައި އިސްތިއުފާ ދެއްވުމާ ގުޅިގެން، ބައެއް މިނިސްޓްރީތައް އެއްކޮށްލައި، ކެބިނެޓުގެ ޖުމުލަ ސައިޒު މިހާރު ވަނީ 15 އަށް ކުޑަކޮށްފައެވެ.
ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރެއްވޭނެ ނަމަވެސް، ރައީސް ވިދާޅުވީ މީގެ ފަހުން އެކަން ކުރައްވާނީ ކޮންމެހެން ކުރަންޖެހޭ ހާލަތްތަކުގައި، ތައުލީމާއި ތަޖުރިބާއަށް ބަލައިގެން ކަމަށެވެ. އެގޮތުން ސްޓޭޓް މިނިސްޓަރުންގެ މާސްޓާސް ޑިގްރީއެއް އަދި ޑެޕިއުޓީ މިނިސްޓަރުންގެ ދާއިރާއާ ގުޅޭ ފުރަތަމަ ޑިގްރީއެއް އޮތްތޯ ބައްލަވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މުޅި ސަރުކާރުގެ ސައިޒު ކުޑަކުރަން ފަށާފައިވާ މި މަސައްކަތަކީ ”ރައްޔިތުންގެ ވިންދާ އެއްގޮތަށް“ ސަރުކާރު ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ގެންނަވާ ބަދަލެކެވެ.






Pls..dont do it