ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕިކްނިކް ދިއުމަށް ޚާއްސަ ރަށެއް ތަރައްގީކޮށްދޭ މަޝްރޫއެއް ސަރުކާރުން ވަރަށް އަވަހަށް ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިރޭ އިއުލާނުކުރައްވައިފިއެވެ.
ރައީސް މިކަން އިއުލާންކުރެއްވީ، އއ. މަތިވެރިއަށް ކުރެއްވި ދަތުރުފުޅުގައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ޕިކްނިކްދާނެ ރަށެއް ތަރައްގީކޮށްދިނުމަށް އެދި ވަރަށް ގިނަ ރަށްތަކުން ހުށަހަޅާ ކަމަށެވެ. އެގޮތުން، ފަތުރުވެރިކަން ފުޅާވެފައި އޮންނަ ރަށްތަކާއި ރައްޔިތުން ޕިކްނިކް ހަދަން ދާނެ ތަނެއް ނެތް ރަށްތަކުން ވެސް މިފަދަ ހުށަހެޅުންތައް އަންނަ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ވަރަށް ގިނަ ރަށްތަކުގެ ރައްޔިތުންނަށް އާއިލާތަކާ އެއްކޮށް ވަގުތު ހޭދަކޮށް، ޕިކްނިކް ދާނެ ތަނެއް ނުވަތަ ގެސްޓުން ދާނެ ތަނެއް ނެތްކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންވެ، ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނުމުގެ މަގްސަދުގައި، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕިކްނިކް އައިލެންޑެއް ތަރައްގީކޮށްދޭން ނިންމެވީ ކަމަށް ރައީސް ވިދާޅުވިއެވެ.
މި މަޝްރޫއު ފެށުމަށްޓަކައި، ވަރަށް އަވަހަށް އެކަމާ ގުޅޭ ދިރާސާތައް ނިންމައި، ކެބިނެޓުގެ މަޝްވަރާތަކަށް ފަހު މަސައްކަތްތައް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހުރިހާ އަތޮޅެއްގައި ޕިކްނިކް ދިއުމަށް ޚާއްސަކޮށް އެއް ރަށް ތަރައްގީކުރި ނަމަވެސް، ވަކިވަކި ރަށްރަށަށް ޚާއްސަކޮށް ވެސް ޕިކްނިކް އައިލެންޑު ތަރައްގީކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން، އއ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ރައީސް މިއަދު ފެރިދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވަނީ، ދޯނި އެހެލާ ސަރަހައްދަކާއި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.





