އެމެރިކާއިން އީރާނާއެކު ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުން، ވަކި މުއްދަތެއް ނެތް ގޮތަށް އިތުރުކުރެއްވުމަށް ނިންމަވައި އެކަން ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނު ކުރައްވައިފިއެވެ.
ޞަހްޔޫނީންނާ ގުޅިގެން އީރާނާ ދެކޮޅަށް ޓްރަމްޕް ފެއްޓެވި ޣައިރުޤާނޫނީ ހަނގުރާމައިގެ ދަށުން ހިންގަމުންދިޔަ ޢުދުވާންތައް ވަގުތީ ގޮތުން މެދުކަނޑައިލާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ މުއްދަތު ދަންމައިލުމަށް ނިންމެވި ނަމަވެސް، އީރާނުގެ ބަނދަރުތަކުގައި އަޅުވާފައިވާ ޙިޞާރު ދެމިއޮންނާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި މި ނިންމެވުން ނިންމެވީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ފަށާފައިވާ ސުލްޙައިގެ މަޝްވަރާތަކަށް ފުރުޞަތު ދެއްވުމުގެ ގޮތުންނެވެ. ނަމަވެސް، ތެހްރާނުން މި ނިންމުމާމެދު ދެކެނީ ޝައްކުގެ ނަޒަރަކުންނެވެ. އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފްގެ މުޝީރަކު ވިދާޅުވީ، މިއީ ވޮޝިންގްޓަނުގެ މަކަރުވެރި ރޭވުމަކަށް ވެދާނެ ކަމަށެވެ. އަދި އީރާނުގެ އިސްލާމީ އިންޤީލާބީ ލަޝްކަރާ (އައިއާރްޖީސީ) ގުޅުން އޮތް ތަސްނީމް ނޫސް އެޖެންސީން ބުނެފައިވަނީ، ބާރުގެ ބޭނުންކޮށްގެން އެމެރިކާގެ ޙިޞާރު ފޫއަޅުވައިލާނެ ކަމުގެ އިންޒާރު އައިއާރްޖީސީން ދީފައިވާ ކަމަށެވެ.
މި އަހަރުގެ ފެބުރުވަރީ 28 ގައި އެމެރިކާއާއި ޔަހޫދީން ގުޅިގެން ފެށި މި ހަނގުރާމަ މިހާރު ވަނީ ލުބްނާންގެ އިތުރުން ގަލްފްގެ ޢަރަބި ޤައުމުތަކަށް ފެތުރިފައެވެ. މި ހަމަލާތަކުގައި އީރާނާއި ލުބްނާނުން މިހާތަނަށް 5,000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، ރައްދުގައި އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ.
މި ދަނޑިވަޅުގައި، އީރާނުގެ މަދަނީ ބިނާރުތަކަށް ހަމަލާދޭނެ ކަމަށް ވިދާޅުވެ ޓްރަމްޕް ދެއްވި އިންޒާރުތައް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވަނީ ކުށްވެރިކުރައްވާފައެވެ. ގުތެރޭޝް ވިދާޅުވީ އެއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ކަމެއް ކަމަށެވެ.
ހަނގުރާމައިގެ ކުރީކޮޅު އެމެރިކާއާއި ޔަހޫދީން ވަނީ އީރާނުގެ ކުރީގެ އިސް މުރުޝިދު އާޔަތުالله ޢަލީ އަލް-ޚާމަނާޢީ ޝަހީދުކޮށްލާފައެވެ. ޓްރަމްޕް ވިދާޅުވާ ގޮތުގައި އެއާއެކު އީރާނުގެ ސަރުކާރު ވަނީ ބައިބައިވެފައެވެ. އިސްލާމްއާބާދުގެ މަޝްވަރާތަކުގައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ބައިވެރިވެވަޑައިގަތުމަށް އީރާނުން އެދިފައިވީ ނަމަވެސް، އޭނާ އަދިވެސް ވޮޝިންގްޓަނުން ފުރާވަޑައިގެންފައެއް ނުވެއެވެ.
މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އީރާނުގެ ޔުރޭނިޔަމް ސްޓޮކާމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ސުލްޙައިގެ އުންމީދުތައް ވަނީ ކުޑަވެފައެވެ. އަދި އީރާން ސުންނާފަތިކޮށްލާނެ ކަމަށް ޓްރަމްޕް ދެއްވާފައިވާ އިންޒާރުތަކާއެކު، ހަމަލާތައް މެދުކަނޑައިލި ނަމަވެސް މުޅި ސަރަޙައްދަށް ވެރިވެފައިވާ ބިރުވެރިކަމަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ.





