އއ. މަތިވެރީގެ ބިންހިއްކުމުގެ މަޝްރޫއާއި އެ އަތޮޅުގެ އެންމެ ފުރަތަމަ އެއާޕޯޓު މަތިވެރީގައި ތަރައްޤީކުރުމުގެ މަސައްކަތް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ މިރޭ ހަވާލުކޮށްފިއެވެ.
މަތިވެރީގައި އެއާޕޯޓެއް ތަރައްގީކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފައިވަނީ، މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙުސައިން އިމްރާންއެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާޙިމް ޝަރީފް މުހައްމަދެވެ.
މިއަހަރު އަލަށް ފަށާނެ މަޝްރޫއުތަކުގެ ތެރޭގައި މަތިވެރި އެއާޕޯޓު އެޅުން ހިމަނާފައިވާކަމަށް މީގެ ކުރިން ރައީސް ވަނީ އިއުލާން ކުރައްވާފައެވެ. އަދި މަތިވެރީގައި އެއާޕޯޓް ތަރައްޤީކުރާނެ ބަޔަކު ހޯދުމަށް މިއަހަރުގެ މެއި މަހުގެ ތެރޭގައި އިއުލާންވެސްކުރިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މަތިވެރީ ރައްޔިތުންނާ މުޙާތަބުކުރައްވައި ރައީސް ވިދާޅުވީ، އެރަށުގައި ބިން ހިއްކާ އެއާޕޯޓްގެ މަސައްކަތް ކުރާނީ އެމްއޭސީއެލްއިން އަމިއްލައަށް އިންވެސްޓްކޮށްގެންކަމަށެވެ. އަދި އެއާޕޯޓުގެ ހުރިހާ މަސައްކަތެއް ދެ އަހަރާ ބައިގެ މުއްދަތުގައި ނިންމައި އެތަން ހުޅުވާނެކަމަށް ރައީސް ވަނީ ޔަޤީންކަން ދެއްވާފައެވެ.
މި މަޝްރޫއުގައި 26.5 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާއިރު، އޭގެތެރެއިން އެއާޕޯޓުގައި 1500 މީޓަރުގެ ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ތަރައްގީކުރުމުގެ މަސައްކަތް ހިމެނެއެވެ.





