ސައުދީ އަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބެހުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިއަދު ފަށައިފިއެވެ.
މިއީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ދިވެހި ރައްޔިތުންނަށް ފޮނުއްވި ހަދިޔާއެކެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މާލެ ސަރަޙައްދުގައި ކަދުރު ބެހުމުގެ ކަންކަން ކުރިއަށްދާނީ އެ މިނިސްޓްރީގެ ސީދާ ބެލުމުގެ ދަށުން ކަމަށެވެ.
މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. ކަދުރު ބަހާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު ފަހު 13:00 އަށެވެ.
މާލެ ސަރަޙައްދުގެ ގޭބިސީތަކުން ކަދުރާ ހަވާލުވުމަށް ދާއިރު، އެ ގޭބިސީއެއްގެ އެޑްރެހާއި، ކަރަންޓު މީޓަރުގެ ނަންބަރު އެނގޭނެ ލިޔުމެއްގެ އިތުރުން، ކަދުރާ ހަވާލުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހުށަހަޅަންޖެހޭނެ ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
އަތޮޅުތެރޭގެ ރަށްރަށާއި ސިޓީތަކަށް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލްތައް މެދުވެރިކޮށެވެ. ރަށްރަށަށް ކަދުރު ކަނޑައަޅާފައިވަނީ ކޮންމެ 100 ގޭބިސީއަކަށް 50 ޕެކެޓު ކަދުރަށް ޖެހޭ ރޭޓުންނެވެ. އަދި ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓު ކަދުރު ދިނުމަށް ހަމަޖެހިފައިވާއިރު، ކަދުރު ބަހަމުންދާނީ އެ ރަށަކަށް ކަނޑައަޅާފައިވާ ޢަދަދު ހުސްވަންދެނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމަށާއި، ބޭރުގެ ޤައުމުތަކުން ލިބޭ މިފަދަ އެހީތައް ހައްޤުވެރިންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.





