ސިވިލް ކޯޓަށް ހުށަހެޅިފައިވާ މަދަނީ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، އުމުރުން 91 އަހަރުގެ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށް، އެ މީހާ ހޯދަން އިއުލާންކޮށްފިއެވެ.
ފުލުހުންގެ ރަސްމީ ވެބްސައިޓުގައި މިއަދު އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ސިވިލް ކޯޓަށް ހާޒިރުކުރަން ބޭނުންވެގެން ހޯދަމުންދަނީ މާލެ، ގ. ވީނަސްވިލާ، މުހައްމަދު ޝަރީފް (91އ) ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މުހައްމަދު ޝަރީފް ހޯދަނީ ސިވިލް ކޯޓުގައި ކުރިއަށްދާ މައްސަލައެއްގެ އަޑުއެހުމަށް އޭނާ ހާޒިރުކުރަން ބޭނުންވެ، އެކި ފަހަރުމަތިން ކުރި މަސައްކަތުން ކޯޓަށް ހާޒިރުކުރެވިފައި ނުވާތީއެވެ. އެހެންކަމުން، ބަންދުގައި ބަހައްޓައިގެން މިއަދުގެ ވަގުތެއްގައި އޭނާ ކޯޓަށް ހާޒިރުކޮށްދިނުމަށް ސިވިލް ކޯޓުން ވަނީ ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ.
މުހައްމަދު ޝަރީފާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅުއްވައި، އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.
މިފަދަ މައްސަލަތަކުގައި ކޯޓަށް ހާޒިރުނުވާ ފަރާތްތައް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަކީ ރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން ފުލުހުންގެ މައްޗަށް ކޯޓުތަކުން ކުރާ އަމުރުތަކުގެ ދަށުން ކުރިއަށްގެންދާ އިޖުރާއާތެކެވެ.





