އީރާނުގެ ސާފުނުކުރާ ތެޔޮ އުފުލުމުގެ ސަބަބުން އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ތެޔޮ ޓޭންކަރަކަށް، ރޭގަނޑުގެ ވަގުތެއްގައި އިންޑިއާ ކަނޑުން އެމެރިކާގެ ސިފައިން އަރާފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ހުކުރު ދުވަހު ބުނެފިއެވެ.
އެމެރިކާގެ އިންޑޯ-ޕެސިފިކް ކޮމާންޑުން އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާ ސިފައިން ހުއްޓުވައި ބަލައިފާސްކޮށްފައިވަނީ ދައުލަތެއްގެ ދިދައެއް ނެތް އުޅަނދެއް ކަމަށްވާ ”އެމް.ޓީ. ޑެވީނާ“ އެވެ. މި އޮޕަރޭޝަންގެ ފޮޓޯތަކާއި ވީޑިއޯ ކްލިޕެއް ވެސް އާންމުކޮށްފައިވެއެވެ.
އެ ކޮމާންޑުން ބުނިގޮތުގައި، ޣައިރުގާނޫނީ ނެޓްވޯކްތައް ރޫޅާލުމަށާއި، އީރާނަށް މާއްދީ އެހީތެރިކަން ފޯރުކޮށްދޭ އުޅަނދުތައް ހުއްޓުވުމަށްޓަކައި، ދުނިޔޭގެ ކޮންމެ ސަރަހައްދެއްގައި ވިޔަސް، ކަނޑުމަގުން ބަލައިފާސްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ. ”އެމް.ޓީ. ޑެވީނާ“ އަށް އެމެރިކާގެ ޓްރެޒަރީން 2024 ވަނަ އަހަރު ދަތިކުރުމުގެ ފިޔަވަޅު އެޅީ، އެ އުޅަނދުން އީރާނުގެ ތެޔޮ ޗައިނާއަށް ފޯރުކޮށްދީފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.
މި ހާދިސާ ހިނގާފައިވަނީ ސަރަހައްދީ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ފެބުރުއަރީ މަހުގެ ފަހުކޮޅު އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ފެށި ހަނގުރާމައަށް ފަހު، އީރާންގެ ސިފައިން ވަނީ ގަލްފް ސަރަހައްދާއި އިންޑިއާ ކަނޑު ގުޅުވައިދޭ ސްޓްރެޓީޖިކް ކަނޑުއޮޅިއެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށް، ކަނޑުމަގުން ހިސާރުކޮށްފައެވެ.
މީގެ އިތުރުން، އީރާނުގެ މި ފިޔަވަޅާ ގުޅިގެން އެމެރިކާއިން ވެސް ވަނީ އީރާނުގެ ބަނދަރުތައް ބަންދުކޮށް އަމިއްލަ ހިސާރެއް ގާއިމުކޮށްފައެވެ. މިގޮތުން ގިނަ އަދަދެއްގެ އުޅަނދުފަހަރުގެ މިސްރާބު ބަދަލުކޮށްލާފައިވާއިރު، އެމެރިކާއިން ދިން އަމުރުތަކަށް ތަބާވާން ދެކޮޅު ހެދި ހަ އުޅަނދަކަށް އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ ހަމަލާ ދީފައެވެ.
އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ނަމުގައި އެމެރިކާއިން ކުރިއަށްގެންދާ މިފަދަ އޮޕަރޭޝަންތަކުގެ ސަބަބުން، ބައިނަލްއަގުވާމީ ކަނޑުގެ ދަތުރުފަތުރަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.





