މާލޭގެ ޓްރެފިކް ޖޭމްގެ ދިގުދެމިފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ މުހިންމު މަގެއް ކަމަށްވާ ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ފުޅާކުރުމުގެ ބޮޑު މަޝްރޫއެއް މިއަދު ރަސްމީކޮށް ފަށައިފި އެވެ.
މި މަޝްރޫއުގެ ރަސްމީ އިފްތިތާހު ބޮޑު ފާލަމުގެ ސަރަހައްދުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
މާލޭ ރަސްމީ ފާލަމުން ފެށިގެން މާރުކޭޓާ ހަމައަށް ތާރު އަޅައި ޒަމާނީ ފެންވަރަކަށް މަގު ހެދުމުގެ މި މަޝްރޫއު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވަނީ 144 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް އަންނަ 455 ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށް ވަނީ އަންގާފައެވެ.
މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، މި މަޝްރޫއުއަކީ މާލޭގެ ތޮއްޖެހިފައިވާ ވެހިކަލްތަކުން ދަތުރުފަތުރަށް ކޮށްފައިވާ ނޭދެވޭ އަސަރުތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން ފަށާފައިވާ އެންމެ މުހިންމު ބައިގެ ފެށުން ކަމަށެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މަޝްރޫއު ކުރިއަށް ގެންދާނީ އެކި ސެގްމެންޓްތަކަށް ބަހާލައިގެން ރައްޔިތުންނަށް ދަތިތައް އެންމެ ކުޑަވާނެ ގޮތަށެވެ.
”މި މަސައްކަތާ އެއްކޮށް އެންމެ ބޮޑަށް އުއްމީދުކުރަނީ ބޮޑު ފާލަމާއި އަދި މާލޭގެ މާރުކޭޓު ސަރަހައްދަށް ދަތުރުކުރާ އުޅަނދުތަކަށް ދަތިތައް ފިލައިގެން ދާނެ ކަމަށް. ދެން ހުރި ސެގްމެންޓްތައް ނިމުމުން އެ މަގުން ދިމާވާ ދަތުރުފަތުރުކުރުމުގެ އުނދަގޫތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ،“ މުއްތަލިބު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ ހުރިހާ މަގެއް ތަރައްގީކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށާއި، އެކަމުގެ ޓެކްނިކަލް މަސައްކަތްތަކުގެ ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް މިހާރު ވެސް ޗައިނާގައި ކުރަމުން އަންނަ ކަމަށެވެ. މާލޭގެ ހުރިހާ މަގެއްގެ މަސައްކަތް ފެށުމުން މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތަށް ބޮޑު ބާރެއް ލިބިގެންދާނެ ކަމަށް މުއްތަލިބު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ސަރުކާރުން ޖުމްހޫރީ މައިދާން ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އެ މަސައްކަތް ވެސް ފެށޭނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ. ސަލްޓަން ޕާކު ތަރައްގީކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ރަސްފަންނު ވެސް އިތުރަށް ތަރައްގީކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރައްޔިތުންނަށް އުނދަގޫ ނުވާ ގޮތަކަށް މަސައްކަތްތައް ކުރުމަކީ ދަތި ކަމަކަށްވާނެ ކަމަށް ފާހަގަކުރައްވަމުން، މުއްތަލިބު ވިދާޅުވީ، ”ހަމަ ހަގީގަތުގައި ވެސް ރައްޔިތުންނަށް އުނދަގޫ ނުވާ ގޮތަކަށް މަސައްކަތެއް ފަށައިގެން ކުރިއަށް ދިއުމަކީ ދަތި އުނދަގޫ ކަމެއް. އެހެންކަމުން އެ ވަރަށް ޕްލޭންކޮށްގެން ރާވައިގެން މަސައްކަތް ކުރިއަށް ގެންދަން މި ޖެހެނީ.“ މާލޭގެ ތޮއްޖެހުން ބޮޑުވެފައިވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން އެއްބާރުލުން ދިނުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.
މި މަޝްރޫއުއާ ގުޅިގެން އަންނަ އޮކްޓޫބަރު މަހުގެ 13 އާ ހިސާބަށް އެ މަގު ބަންދުވާނެއެވެ. މަގު ފުޅާކުރާއިރު، އެއްގަމު ތޮށި ބޭރަށް ޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދާތީ އެ ސަރަހައްދުގެ ފަޅު ވެސް އެ މުއްދަތަށް ބަންދުވާނެއެވެ. މި މަޝްރޫއުގެ ދަށުން ފެން ހިންދާ ނިޒާމާއި ދުވާރު ގާއިމުކޮށް، ރޯޑް މާކިންއާއި ސައިން ބޯޑު ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނީ އެމްޓީސީސީންނެވެ.




