އޮސްމާން ޑެމްބެލޭ ކާމިޔާބުކުރި ހިތްގައިމު ހެޓްރިކާއެކު، 4-1 ގެ ނަތީޖާއަކުން ނޯވޭ ބަލިކޮށް ފްރާންސުން ގްރޫޕް އައި (I) އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް ނޯވޭއިން ނުކުތީ އެޓީމުގެ ފުރަތަމަ އެގާރައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން އާންމުކޮށް ފުރަތަމަ އެގާރައިގައި ހިމެނޭ 10 ކުޅުންތެރިއަކަށް މި މެޗުގައި އަރާމުކުރުމުގެ ފުރުސަތު ދީފައިވާއިރު، އޭގެ ތެރޭގައި ތަރި އާލިން ހާލަންޑް އާއި މާޓިން އޮޑެގާޑް ހިމެނެއެވެ.
މެޗު ފެށިގެން ހަތްވަނަ މިނެޓުގައި ޑެމްބެލޭ ވަނީ ފްރާންސަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 20 ވަނަ މިނެޓުގައި އޭނާ ވަނީ ފްރާންސްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭގެ އެންމެ މިނެޓެއް ފަހުން ނޯވޭގެ ތެލޯ އާސްގާޑް ލަނޑެއްޖަހައި ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑެމްބެލޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް ފްރާންސަށް ތިންވަނަ ލަނޑެއް ކާމިޔާބުކޮށްދީފައެވެ.
ދެވަނަ ހާފުގައި ނޯވޭއިން ކުޅުން ރަނގަޅުކޮށް، މެޗުގެ ކުރީކޮޅު އެޓީމަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް ސްޓޭރެންޑް ލާސަން ފޮނުވާލި ޕެނަލްޓީ ފްރާންސްގެ ކީޕަރު މައިކް މެއިންޔޯން ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ފްރާންސްގެ ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ ޑެސައީ ޑުއޭ އެވެ.
ގްރޫޕްގެ މެޗުތައް ނިމުނުއިރު، ފްރާންސުން އެއްވަނަ ހޯދީ ކުޅުނު ތިން މެޗުންވެސް މޮޅުވެ 9 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ނިންމި ނޯވޭއަށް 6 ޕޮއިންޓް ލިބިފައިވާއިރު، އެޓީމަށްވެސް ވަނީ ދެވަނަ ބުރުން ޖާގަ ލިބިފައެވެ. ގްރޫޕްގެ ތިންވަނައިގައި 4 ޕޮއިންޓާއެކު ނިންމި ސެނެގާލަށް އަދިވެސް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އެބައޮތެވެ. އެއީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. މި ގްރޫޕްގެ ފުލަށް ދިޔަ އިރާގަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މި ގްރޫޕްގައި ހިމެނޭ ސެނެގާލުން ރޭ ކުޅުނު މެޗުގައި ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އިރާގު ބަލިކޮށްފައެވެ.





