ސައްހަ ނޫން ލިޔުމެއް ތައްޔާރުކޮށްގެން ގާނޫނީ ވަކީލަކަށް ވެގެން އުޅުނު މީހެއްގެ މައްސަލަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުން މިއަދު ފުލުހުންނަށް ހުށަހަޅައިފި އެވެ. މި މައްސަލަ ހުށަހަޅާފައިވަނީ ލ. ފޮނަދޫ، ހަވޭލި، ފާތިމަތު ތޫބާ އަބްދުﷲއާ ދެކޮޅަށެވެ.
ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ތޫބާ އަކީ އެއްވެސް އިރަކު ގާނޫނީ ވަކީލުކަމުގެ ހުއްދަ ދީފައިވާ މީހެއް ނޫން ކަމަށް، ކަމާބެހޭ އިދާރާތަކުން ހޯދި މައުލޫމާތުން ކަށަވަރުކުރެވިފައިވާ ކަމަށެވެ. ތޫބާގެ ވަކީލު ކަމުގެ ހުއްދައިގެ މައްސަލަ ފެންމަތިވީ، އޭނާ އަތުގައި އޮތް ހުއްދައަކީ ސައްހަ އެއްޗެއްކަން ބެލުމަށް އެމްޕީއެލް (މޯލްޑިވްސް ޕޯޓްސް ލިމިޓެޑް) އިން ބާ ކައުންސިލަށް ހުށަހެޅުމުންނެވެ.
ބާ ކައުންސިލުން ބުނި ގޮތުގައި، ތޫބާގެ އަތުގައި އޮތީ ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާއި ސުޕްރީމް ކޯޓުގެ ނަމާއި ލޯގޯ ބޭނުންކޮށްގެން، 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ހަދާފައިވާ ލިޔުމެކެވެ. އެ ލިޔުމުގައި ރިޓަޔާކޮށްފައިވާ ފަނޑިޔާރެއްގެ ސޮއި އޮތް ނަމަވެސް، އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ފަނޑިޔާރެއްގެ ސޮއެެއް ނޫން ކަމަށްވެސް ބާ ކައުންސިލްގެ ބަޔާނުގައިވެ އެވެ.
ގާނޫނީ ފަންނުގެ ގާނޫނުގައިވާ ގޮތުގެ މަތިން، 2019 ވަނަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު ބާ ކައުންސިލް ވުޖޫދުވުމަށްފަހު، އެ ގާނޫނުގެ ދަށުން ވަކާލާތުކުރުމުގެ ހުއްދަ ދިނުމުގެ ބާރާއި ޒިންމާ މަތިކޮށްފައިވަނީ ހަމައެކަނި ބާ ކައުންސިލަށެވެ. ހުއްދަ ލިބިފައިވާ ފަރާތެއް ފިޔަވައި އެހެން ފަރާތަކުން އޭނާއަކީ ގާނޫނީ ވަކީލެއް ކަމުގައި އާންމުންނަށް ގަބޫލުކުރެވޭނެ ފަދައަކުން ދެއްކުމާއި، ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ގާނޫނީ މަސައްކަތްކޮށް ގާނޫނީ ހިދުމަތް ދިނުމަކީ ގާނޫނުގައި މަނާ ކަމެއް ކަމަށް ބާ ކައުންސިލުން ފާހަގަކުރެ އެވެ.
ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ދީފައިވާ ވަކީލުންގެ ދަފްތަރު ބާ ކައުންސިލުގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް ބާ ކައުންސިލުން ވަނީ ހާމަކޮށްފަ އެވެ. އަދި ގާނޫނީ ހިދުމަތް ހޯދާ ފަރާތްތަކުން އެ ލިސްޓް ބަލައިގެން، ކަށަވަރުކުރުމަށްފަހު ގާނޫނީ ވަކީލުންނާ މުއާމަލާތް ކުރުމަށް އެ އިދާރާއިން އިލްތިމާސްކޮށްފަ އެވެ.





