ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ހިއްސާތަކެއް ބޭރުގެ ބޭންކެއް ކަމަށްވާ ޖޭޕީ މޯގަން އަށް ވިއްކާލާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ދޮގުކުރައްވައިފިއެވެ.
މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ޑީބީއެމްގެ ހިއްސާ ވިއްކާލި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އަދި މިފަދަ ދޮގު ވާހަކަތައް މުޖުތަމައުގެ ތެރޭގައި ފެތުރެމުންދާ ދަނޑިވަޅެއްގައި، ނޫސްވެރިން އެކަންކަން ސާފުކުރުމަށް ސުވާލުކުރާތީ އެކަމާ އުފާކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”ވަރަށް ބޮޑަށް މި ހުންނަނީ ގޮސިޕް، ވަރަށް ބޮޑަށް މި ފެތުރިފައި، ވަރަށް ބޮޑަށް އުފާ ކުރަން ނޫސްވެރިން އެކަންކަން ސާފު ކުރަން ސުވާލު ކުރައްވާތީ،“ ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުން އުފެއްދި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ރަސްމީކޮށް ހުޅުވާފައިވަނީ 16 ނޮވެމްބަރު 2024 ގައެވެ. އެ ބޭންކަށް ބޭންކިންގް ލައިސަންސް ދޫކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުއްދަ ދީފައިވަނީ އެ އަހަރުގެ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުއެވެ.
ޑިވެލޮޕްމަންޓް ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމަށާއި، ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށް އުފައްދާފައިވާ މުއައްސަސާއެކެވެ. މީގެ އިތުރުން ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމަކީވެސް މި ބޭންކު އުފެއްދުމުގެ މުހިންމު މަގުސަދެކެވެ.
ޑީބީއެމްގެ މަސައްކަތްތައް ވާނުވާގައި އޮތް ކަމަށް ބައެއް ފަރާތްތަކުން ފާޑުކިޔަމުންދަނިކޮށް، ރައީސް މިވަނީ އެ ބޭންކުގެ މިލްކުވެރިކަމަށް އެއްވެސް ބަދަލެއް ނާންނަކަން ކަށަވަރުކޮށްދެއްވާފައެވެ.





