އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗަށްފަހު، ޕެނަލްޓީ ޝޫޓްއައުޓްގައި 3-4 އިން ޕެރަގުއޭ އަތުން ބަލިވެ، ޖަރުމަނު މިއަހަރުގެ ފީފާ ވޯލްޑް ކަޕުން ކަޓައިފިއެވެ.
މިފަހަރުގެ މުބާރާތުގެ ނޮކައުޓް ފުރަތަމަ ބުރުން ޖަރުމަނު ކެޓިއިރު، މިއީ އެންމެ ފަހުން ބޭއްވި ދެ ވޯލްޑް ކަޕްގައި ގްރޫޕް ސްޓޭޖުން ކެޓި ޖަރުމަނަށް ކުރިމަތިވި އިތުރު ނާއުންމީދެކެވެ. އަނެއްކޮޅުން، މިއީ 2010 ވަނަ އަހަރަށް ފަހު ޕެރަގުއޭ އިން ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އެޓީމުން މިވަނީ ވަރުގަދަ ޖަރުމަނު ބަލިކޮށް ގަދަ 16 އަށް ދަތުރުކޮށްފައެވެ. ގަދަ 16 ގައި ޕެރަގުއޭ އިން ބައްދަލުކުރާނީ ފްރާންސް އާއި ސްވިޑެން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޕެރަގުއޭއިންނެވެ. މެޗުގެ 42 ވަނަ މިނެޓްގައި ޖޫލިއޯ އެންސީސޯ މި ލަނޑު ކާމިޔާބުކޮށްދިނީ ޖަރުމަނުގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ހުހަށް ހުރެ ބޮލުން ގޯލަށް ވައްދާލައިގެންނެވެ. ނަމަވެސް، ދެވަނަ ހާފުގައި ޖަރުމަނުން ކުޅުން ވަރުގަދަކޮށް، މެޗުގެ 54 ވަނަ މިނެޓްގައި ކައި ހަވެޓްޒް ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްދީފައެވެ. އޭނާވެސް މި ލަނޑު ކާމިޔާބުކުރީ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
ނަތީޖާ އެއްވަރުވުމާ ގުޅިގެން ޖަރުމަނުން ބަދަލުތަކެއް ގެނެސްގެން ޕެރަގުއޭގެ ފަހަތަށް ބާރުބޮޑުކުރަން މަސައްކަތް ކުރި ނަމަވެސް، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އިތުރު ލަނޑެއް ފެނިފައެއް ނުވެއެވެ. މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޖަރުމަނުގެ ޖޮނަތަން ޓާ ގޯލެއް ކާމިޔާބުކުރި ނަމަވެސް، ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އެ ގޯލު ކެންސަލްކޮށްފައެވެ. އެއީ ގޯލު ޖެހުމުގެ ކުރިން ޖަރުމަނުގެ ކުޅުންތެރިއަކު ޕެރަގުއޭގެ ކީޕަރަށް ފައުލްކޮށްފައިވާތީއެވެ.
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީތަކުގައި ޖަރުމަނުގެ ހަވާޓްޒް އާއި ވޮލްޓަމާޑޭގެ ޕެނަލްޓީ ޕެރަގުއޭގެ ކީޕަރު ގިލް ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ. އަދި ޖޮނަތަން ޓާ ފޮނުވާލި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. ޖަރުމަނުގެ ޕެނަލްޓީތައް ކާމިޔާބުކުރީ މުސިއާލާ، ކިމިޗް އަދި އަމީރީއެވެ. ޕެރަގުއޭއަށް ސަނަބްރިއާ އާއި ބަލްބުއެނާގެ ޕެނަލްޓީ ކާމިޔާބު ނުކުރެވުނު ނަމަވެސް، އެޓީމުގެ ކަނާލޭ، ގަލާޒާ، ގުސްޓާވޯ ގޮމޭޒް އަދި މައުރީސިއޯ ޕެނަލްޓީތައް ކާމިޔާބުކޮށް އެޓީމަށް މޮޅު ހޯދައިދިނެވެ.





