ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ވެރިކަން ކުރާ ޕީއެންސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ ޕީއެންއެފް (ޕީޕަލްސް ނެޝަނަލް ފްރަންޓް) އިން މިރޭ މާލޭ އާޓިފިޝަލް ބީޗުގައި ބޭއްވި ”ވޭކް އަޕް“ ޖަލްސާގަ އެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ޅެން ބައިތަކެއްގެ ތެރެއިން ޕީއެންސީގެ މިހާރުގެ ވެރިކަން ސިފަކޮށްދެއްވާފަ އެވެ. އެގޮތުން، އެ މަނިކުފާނުގެ ވެރިކަން (ޕީޕީއެމްގެ ވެރިކަން) އަކީ ”ބަހާރު މޫސުން“ ކަމަށް ސިފަކުރައްވައި ވިދާޅުވީ، އެ ދުވަސްވަރު ދިވެހިން ނަލަ ފިނިފެންމަލާއި އަސުރުމާ ކުލައިގެ ޖާދޫ ދެކެފައިވާ ކަމަށެވެ. އެ މަނިކުފާނު މިފަދައިން ވިދާޅުވީ އެ މަނިކުފާނުގެ އަމިއްލަފުޅު ވެރިކަމަކީ ފޮނި ދުވަސްވަރެއް ކަމަށް ސިފަކުރައްވަމުންނެވެ.
ނަމަވެސް އެ ދުވަސްވަރު ލިބުނު ފޮނިކަން ބަޔަކަށް ކަމު ނުދިޔަ ކަމަށް ކުރީގެ ރައީސް ޔާމީން ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އޭރުގެ ވެރިކަމުގައި ވެސް ”ބަޅިނދާއި ކޮކާތައް ފޮނިބޯން އައި“ ކަމަށް ވެސް އެ ޅެންބައިތުގައި ރައީސް ޔާމީން ވިދާޅުވި އެވެ. މިގޮތަށް އެ މަނިކުފާނު ވިދާޅުވީ، އެ ވެރިކަމުގައި މަންފާ ހޯދަން ބައެއް ފަރާތްތައް އުޅުނު ކަމަށް އިޝާރާތް ކުރައްވަ އެވެ. އެއަށް ފަހު ދެން އައީ ”ފަނޑު ނޫކުލައިގެ ވެރިކަމެއް“ ކަމަށް ރައީސް ޔާމީން ވިދާޅުވެ، މިހާރުގެ ސަރުކާރަށް ނިސްބަތް ކުރެއްވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގައި މިހާރު ޝަކުވާގެ އިތުރުން ދެން އުފުލާނެ އެއްޗެއް ނެތް ކަމަށެވެ. އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ”އަނދިރި ދައުލަތެއްގެ ފަރާތުން މިހާރު ހިންގަމުންދާ ބޭއިންސާފުގެ ނަތީޖާއަކަށް ވެގެން ދަނީ ދިވެހިރައްޔިތުން ފުނޑިގެން ދިޔުން“ ކަމަށެވެ.
ވެރިންގެ ޖީބުތައް ފަލަވެގެން މިދަނީ ރިޝްވަތުގެ ފައިސާއިން ކަމަށް ވިދާޅުވެ، ރައީސް ޔާމީން ވަނީ މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ހަމަ އެއާ އެކު ރައްޔިތުންގެ ހާލަތު ދަށަށް ދާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުރުން ގިނަ އަދަދެއްގެ ޒުވާނުންނާއި އާންމު ރައްޔިތުން ބައިވެރިވެ، އެމީހުންގެ ޝުއޫރު ފާޅުކޮށްފައިވެ އެވެ. ފަހަކަށް އައިސް އިދިކޮޅު ފަރާތްތަކުން ބޭއްވި ހަރަކާތަކަށް ބަލާއިރު، މި ޖަލްސާއަކީ އެއްމެ ގިނަ ރައްޔިތުން ބައިވެރިވި އެއްވުމެއް ކަމަށް ފާހަގަކުރެވެ އެވެ.





