ދިވެހިރާއްޖޭގައި ފިކުރީ މުދާ ރައްކާތެރިކޮށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހެއް ގާއިމުކުރުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ތަސްދީގު ކުރައްވައިފިއެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ.
ރައީސް ޑރ. މުއިއްޒު މި ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވައިފައެވެ.
މި ބިލަކީ މިމަހުގެ 11 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ފާސްކުރި ބިލެކެވެ. މަޖިލީހުން މި ބިލު ފާސްކުރީ، 68 މެންބަރެއްގެ ވޯޓާއެކުއެވެ. ބިލު ފާސްކުރުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު، މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ޒާހިރެވެ.
މި ގާނޫނުގެ މައިގަނޑު ބޭނުމަކީ، ދިވެހިރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އިނޮވޭޝަންއަށް ހިތްވަރުދީ، އެ ދާއިރާ ކުރިއަރުވައި، ގައުމުގެ އިގްތިސާދީ ތަރައްގީއަށް މަގުފަހިކުރުމެވެ. މި ގާނޫނުގެ ދަށުން ”މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް“ ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެވޭނެއެވެ.
ގާނޫނަށް އަމަލުކުރަން ފެށުމާއެކު އުފެދޭ މި އޮފީހުގެ ކަންކަން ބަލަހައްޓަވާނީ، އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަކުންކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން، މި އޮފީސް ހިންގާނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުންނެވެ. އަދި އެ އޮފީހުގެ ކަންކަމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ކަމާބެހޭ ވަޒީރެވެ.
މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތަކީ ވަޒީރު އައްޔަނުކުރައްވާ ”ރަޖިސްޓްރާ އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީ“ އެވެ. މި ގާނޫނުގައި ރަޖިސްޓްރާ އައްޔަނުކޮށް ވަކިކުރާނެ ގޮތާއި، ރަޖިސްޓްރާގެ ޝަރުތުތަކާއި، މަސްއޫލިއްޔަތުތަކާއި ބާރުތަކާއި، އޮފީހުގެ އިދާރީ މުވައްޒަފުންނާ ގުޅޭ އުސޫލުތައް ތަފްސީލީ ގޮތެއްގައި ބަޔާންކުރައްވާފައިވެއެވެ.
ފިކުރީ މުދަލުގެ ދަފްތަރު ބެލެހެއްޓުމާއި، ފިކުރީ މުދަލުގެ ދާއިރާއިން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އަންނަ ކުރިއެރުންތައް ދިރާސާކުރުމަކީ މި އޮފީހުގެ މުހިންމު ޒިންމާތަކެކެވެ. މީގެ އިތުރުން، ފިކުރީ މުދަލާ ގުޅޭ ގާނޫނުތަކުގެ ދަށުން ލިބިދޭ ހައްގުތަކާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުމާއި، ގާނޫނުތަކުގެ ދަށުން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދީ، ކަނޑައަޅާފައިވާ ފީ ނެގުން ވެސް މި އޮފީހުގެ ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ.





