ޔާރާ ޕްރޮޑަކްޝަނުން އުފައްދާ އެންމެ އުންމީދީ އެއް ފިލްމު ކަމަށްވާ ’ދެވި’ ގެ މޯޝަން ޕޯސްޓަރެއް މިއަދު އާންމުންނަށް ދައްކާލައިފި އެވެ. މި ފިލްމަކީ ރާއްޖޭގެ މަޝްހޫރު ފެޝަން ޑިޒައިނަރު އަދި މޭކަޕް އާޓިސްޓް ޙުސައިން ހާޒިމް (ސޭންޑީ) ގެ އަލަތު ފީޗާ ޑައިރެކްޝަނެވެ.
ބިރުވެރި ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ’ދެވި‘ އަކީ ސޭންޑީ އާއި ޝަހުދާ މަހުމޫދުގެ ސްކްރީންޕްލޭއަކަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ ބޮޑު ބައެއް ރ. ފައިނުގައި ނަގާފައިވާއިރު، މިއީ ބިރުވެރި ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް ތަފާތު ތަޖުރިބާއަކަށް ވާނެ ކަމަށް ބެލެވެއެވެ.
މި ފިލްމުން ޔާރާ ޕްރޮޑަކްޝަންގެ އެންމެ މަގުބޫލު ތަރިން ކަމަށްވާ މަރިޔަމް އައްޒަ އާއި އޭނާގެ ދައްތަ އައިޝަތު ރިޝްމީގެ އިތުރުން، އެ މީހުންގެ މަންމަ އަދި ތަޖުރިބާކާރު އެކްޓްރެސް އައިމިނަތު ރަޝީދާ (އައިންތު) އެކުގައި ފެނިގެންދާނެ އެވެ. ފިލްމުގެ ކާސްޓުގައި ރާއްޖޭގެ ފުންނާބު އުސް ގިނަ ތަރިންތަކެއް ހިމެނެ އެވެ.
އޭގެ ތެރޭގައި ޝަރަފް އަބްދުﷲ، މުޙައްމަދު މަނިކު، އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، އަހުމަދު ސަޢީދު، އާމިރާ އިސްމާއީލް، އަހުމަދު ރިޝްވާން، އަހުމަދު އީސަ (އާނަންދު)، އައިޝަތު ރާއިޝާ އަދި މަލީހާ ވަލީދް (މަލް) ހިމެނެ އެވެ. މީގެ އިތުރުން، ދާދިފަހުން އަވަހާރަވި މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު އަހުމަދު ނިމާލު ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.
’ދެވި‘ އޮލިމްޕަސް ސިނަމާގައި ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ. މި ފިލްމުގެ މޯޝަން ޕޯސްޓަރާއެކު ބެލުންތެރިންގެ މެދުގައި ފިލްމަށް އޮތް އުންމީދު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.





