ސައުތު އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަން (ސާފް) ގެ އެގްޒެކިއުޓިވް ކޮމިޓީގެ މެމްބަރުކަމަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނައިބުރައީސް، ޙުސެއިން ޝާފިއު (ކޮކީ) އިންތިހާބުވެއްޖެއެވެ.
ޝާފިއު މި މަގާމަށް އިންތިހާބުކޮށްފައިވަނީ ހޮނިހިރު ދުވަހު ބޭއްވުނު ސާފްގެ އޯޑިނަރީ ކޮންގްރެސްގައެވެ. މިއީ ސަރަހައްދީ ފުޓުބޯޅައިގެ ނިންމުންތައް ނިންމާ މަތީ ފަންތީގެ ކޮމިޓީގައި ރާއްޖޭގެ ތަމްސީލުވުން އިތުރުވެގެންދިޔަ މުހިންމު ފިޔަވަޅެކެވެ.
ޝާފިއު އަކީ ފާއިތުވީ 10 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ފުޓުބޯޅަ ދުށް އެންމެ ހިންގުންތެރި އެއް އެޑްމިނިސްޓްރޭޓަރެވެ. އޭނާ އަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ކާމިޔާބު އަދި އެންމެ ރަނގަޅު އުސޫލުތަކެއްގެ ތެރެއިން ހިންގަމުންދާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ސީއީއޯގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. މާޒިޔާގެ އެންމެ ކާމިޔާބު ދުވަސްތަކުގައި އެ ކުލަބު ހިންގުމުގެ މޭސްތިރިއަކީ ވެސް ޝާފިއުއެވެ.
މީގެކުރިންވެސް އެފްއޭއެމްގެ އެކްސްކޯގައި ޝާފިއު މަސައްކަތް ކުރެއްވިއެވެ. ނަމަވެސް، އެ އެސޯސިއޭޝަންގެ އޭރުގެ ހިންގުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކަންތައްތަކާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރައްވައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ޝާފިއު އަލުން އެފްއޭއެމްގެ ހިންގުމުގެ ތެރެއަށް ވަޑައިގެންނެވީ، އެ އެސޯސިއޭޝަންގެ މިހާރުގެ ރައީސް އަޙްމަދު ޠާރިޤް (ޓޮމް) ޒައާމަތާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ. މިހާރު އޭނާ ހުންނެވީ އެފްއޭއެމްގެ ނައިބުރައީސްގެ މަގާމުގައެވެ.
ސާފްގެ އެކްސްކޯއަށް ޝާފިއު އިންތިހާބުވުމަކީ ރާއްޖޭގެ ފުޓުބޯޅަ އިތުރު ހަރުފަތަކަށް ގެންދިއުމަށާއި، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ދައުރު ފުޅާކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ފުޓުބޯޅަ އާއިލާގެ ގިނަ ބަޔަކު ގަބޫލުކުރެއެވެ.





