ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، ތިލަދުންމަތީ އުތުރުބުރީ އުތީމު ރައްޔިތުންނަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ. މި ޝަރަފު އެރުވުން އޮންނާނީ، މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، މާދަމާ ހެނދުނު އުތީމުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.
މި ޝަރަފު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި، އުތީމު ރައްޔިތުން އަދާކުރައްވައިފައިވާ ދައުރާއި، އެކަމަށް ދެއްވި އަހައްމިއްޔަތުގެ އަގު މިއަދުގެ ސަރުކާރުން ވަޒަން ކުރެއްވުމުގެ ގޮތުންނެވެ. ހަމައެއާއެކު، އުތީމުގެ ލޮބުވެތި ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާއެކު އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު ވެފައިވާތީކަން ރައީސް އޮފީހުން ހާމަކުރައްވައެވެ.
މާދަމާ ހެނދުނު 10 ޖަހާއިރު، ތިލަދުންމަތީ އުތުރުބުރީ އުތީމުގައި ބާއްވަވާ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި، އުތީމު ރައްޔިތުންނަށް ޝަރަފު އެރުވުމުގެ އިތުރުން، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމުވެސް ދެއްވުން އޮންނާނެއެވެ.
މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ 3 ބޭފުޅަކަށެވެ. އެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އަރުވަނީ އެ ބޭފުޅެއްގެ ހަނދާނަށެވެ. އަދި، މި އަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ 9 ބޭފުޅަކަށާއި، ކުންފުންޏަކަށެވެ. ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.
ޤައުމީ ދުވަސް އެންމެ އިހުން ފަށައިގެންވެސް އުތީމުގައި ރަށު ފެންވަރާ އަތޮޅު ފެންވަރުގައި ފާހަގަކުރަމުން އާދެއެވެ. އެންމެ ފުރަތަމަ ޤައުމީ ފެންވަރުގައި އުތީމުގައި ޤައުމީ ދުވަސް ފާހަގަކުރީ 1 ރަބީޢުލްއައްވަލް 1371ގައެވެ. އެއީ މީލާދީން 1951ވަނަ އަހަރު، ބޮޑުވަޒީރު އަލް އަމީރު މުޙައްމަދު އަމީނުގެ ވެރިކަމުގައެވެ. އުތީމުގައި ދެވަނައަށް ޤައުމީ ދުވަސް، ޤައުމީ ފެންވަރުގައި ފާހަގަކުރީ ރައީސް މައުމޫނުގެ ވެރިކަމުގައި 1980ވަނަ އަހަރުއެވެ. އެއީ މިހާތަނަށް އުތީމުގައި އެންމެ ކުލަގަދަކޮށް ޤައުމީ ދުވަސް ފާހަގަކުރި ފަހަރެވެ.





