އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްގެ މަގާމަށް މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) ގެ ރައީސް މުހައްމަދު ސޮބާހު (ޗޭ) އިންތިހާބުކޮށްފިއެވެ. މިއީ އޭޝިއާގެ ސާފިންގެ މައި އިދާރާގެ އިސް މަގާމަކަށް ދިވެއްސަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ.
އޭޝިއަން ސާފިން ފެޑެރޭޝަންގެ އާ ރައީސްކަމަށް އިންތިހާބުކޮށްފައި ވަނީ އިންޑިއާގެ ސާފިން ފެޑެރޭޝަނުގެ ރައީސް އަރުން ވާސޫ އެވެ. އެ ފެޑެރޭޝަންގެ އާ އޮނިގަނޑު އެކުލެވިގެންވަނީ ރައީސްގެ ދަށުން ދެ ނައިބު ރައީސުން ތިއްބަވާ ގޮތަށެވެ. އެގޮތުން ސޮބާހުގެ އިތުރުން ނައިބު ރައީސްކަމަށް ދެން އިންތިހާބުކޮށްފައިވަނީ އިންޑޮނޭޝިއާގެ ޕިޓީ ޖަބްރިކް އެވެ.
މި އިދާރާގެ އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ) ގައި ދެން ތިއްބަވާނީ އިންޑޮނޭޝިއާ، ޖަޕާން، އަފްޣާނީސްތާން އަދި ޗައިނާ ތަމްސީލުކުރާ މެންބަރުންނެވެ. މިހާރު އިންތިހާބު ކުރެވުނު ކޮމިޓީގެ ދައުރު ހަމަވާނީ 2030 ވަނަ އަހަރުގެ ނިޔަލަށެވެ.
ރާއްޖޭގެ ސާފިން އެސޯސިއޭޝަނުން ބުނީ އޭޝިއާގެ ސާފިންގެ މައި އިދާރާގެ ނައިބު ރައީސްކަމަށް ސޮބާހް އިންތިހާބުވުމަކީ ރާއްޖޭގެ ސާފިން ކޮމިޔުނިޓީގެ އިތުރުން މުޅި ދިވެހި ކުޅިވަރަށް ވެސް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
ސޮބާހްގެ ރައީސްކަމުގެ ދަށުން ރާއްޖޭގެ ސާފިން އަށް ވަނީ ގިނަ ކާމިޔާބީތަކެއް ލިބިފައެވެ. އެގޮތުން ރާއްޖޭގެ ސާފަރުން ވަނީ ފުރަތަމަ ފަހަރަށް އޭޝިއާން ގޭމްސް އަށް ކޮލިފައިވެފައެވެ. އަންނަ މަހު ޖަޕާނުގެ އައިޗީ އާއި ނަގޯޔާގައި ފަށާ އޭޝިއަން ގޭމްސްގެ ސާފިން އިވެންޓްގައި ރާއްޖޭގެ ސާފަރުން ވާދަކުރާނެއެވެ.
މީގެ އިތުރުން، ރާއްޖޭގެ ގައުމީ މުބާރާތްތަކުގައި ފުރަތަމަ ފަހަރަށް އަންހެން ސާފަރުންނަށް ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމާއި، ރާއްޖޭގެ ފުރަތަމަ އަންހެން ގައުމީ ސާފިން ޓީމު އިއުލާންކޮށްފައިވަނީ ވެސް ސޮބާހްގެ ރައީސްކަމުގެ ދައުރުގެ ތެރޭގައެވެ.





