ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ޝަރަފުވެރި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ. ޖުމްހޫރީ މައިދާނުގައި އޮތް މި ރަސްމިއްޔާތު ބޭއްވީ މިއަދު ހެނދުނު 6:00 ގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން، ދައުލަތުގެ ވަޒީރުންނާއި އިސްވެރިންނާއި، ދިވެހިރާއްޖެއަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މާލޭގައި މި ރަސްމިއްޔާތު ބޭއްވިއިރު، ރާއްޖޭގެ އެކި ރަށްރަށުގައިވެސް މިއަދު ހެނދުނު 6:00 ގައި ޤައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތުތައް ބޭއްވިއެވެ. ދިދަ ނެގުމަށްފަހު، ދިވެހިރާއްޖެއަށް އަމާންކަމާއި ސުލްހަމަސަލަސްކަން ދެމެހެއްޓެވުން އެދި ޚާއްސަ ދުޢާއެއްވެސް ކޮށްފައިވެއެވެ.
ދިވެހިރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަނީ ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންކޮށްދެއްވި، ދިވެހި ބަޠަލު އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޒަމްގެ ޤުރުބާނީގެ ހަނދާން އާކުރުމުގެ ގޮތުންނެވެ. އެ ދުވަހަކީ ހިޖުރީ ގޮތުން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހެވެ. މި ދުވަހަކީ ދިވެހިންގެ އެއްބައިވަންތަކަމާއި ޤައުމީ ރޫޙު އާކުރާ މުހިންމު ދުވަހެކެވެ.
މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށްވެސް ކުލަގަދަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެ ގޮތުން މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ޤައުމީ ދުވަހުގެ ބަޠަލު މުޙައްމަދު ތަކުރުފާނުގެ އުފަން ރަށްކަމުގައިވާ ހއ. އުތީމުގައެވެ. މި ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ އިނާމު، ޤައުމަށް ޚިދުމަތްކުރެއްވި ބޭފުޅުންނަށް ދެއްވުންވެސް އޮންނާނެއެވެ.





