އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ލުބުނާނުގެ ދެކުނުގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.
ލުބުނާނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އިޒްރޭލުން ދިން މި ނުރައްކާތެރި ހަމަލާތަކުގައި މަދުވެގެން 11 މީހުން ވަނީ ޝަހީދުވެފައެވެ. އަދި އިތުރު 19 މީހަކު އެކިވަރުގެ އަނިޔާތަކާއެކު ޒަހަމްވެފައިވާ ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.
އިޒްރޭލުން ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހަމަލާދީފައިވަނީ ނަބަތިއްޔާ ޑިސްޓްރިކްޓްގައި ހިމެނޭ އަންސާރާއި ދައިރުއް ޒަހްރާނީ އަށެވެ. މިގޮތުން އަންސާރަށް ދިން ހަމަލާގައި ތިން ކުޑަކުދިން ހިމެނޭހެން ހަތް މީހުން ޝަހީދުކޮށްލާފައިވާއިރު، ދައިރުއް ޒަހްރާނީއަށް ދިން ހަމަލާގައި ހަތަރު މީހަކު ވަނީ ޝަހީދުވެފައެވެ.
މި ހަމަލާތަކާ ގުޅިގެން ލުބުނާނުގެ މަޖިލީހުގެ ރައީސް ނަބީހް ބައްރީ ވަނީ އިޒްރޭލުގެ މި އަނިޔާވެރި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އެމަނިކުފާނު މި އަމަލުތައް ސިފަކުރެއްވީ ”ގަތުލުއާންމެއް“ ގެ ގޮތުގައެވެ. އަދި މިއީ ދެކުނު ލުބުނާނުން އާންމު ރައްޔިތުން ހުސްކޮށް، އެ ސަރަހައްދު ފޮހެލުމަށްޓަކައި އިޒްރޭލުން ހިންގަމުންދާ ”ނެތިކޮށްލުމުގެ ހަނގުރާމައެއް“ ކަމަށްވެސް ބައްރީ ވިދާޅުވިއެވެ.
ހަމައެއާއެކު، އިޒްރޭލުގެ މި ހަމަލާތަކާ ގުޅިގެން ހިޒްބުالله ޖަމާއަތުން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އިޒްރޭލާއެކު ކުރިއަށްގެންދާ އެންމެހައި މަޝްވަރާތައް ވަގުތުން ހުއްޓާލުމަށް ލުބުނާން ސަރުކާރަށް ގޮވާލާފައިވެއެވެ. އަދި މި މައްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް އެމެރިކާއަށް ބަރޯސާވުން ހުއްޓާލުމަށްވެސް ހިޒްބުالله ގެ ބަޔާނުގައި ވަނީ ބާރުއަޅައި ގޮވާލާފައެވެ.





